ދައުލަތުގެ މާލިއްޔަތަށް ބައި އެޅި ވާނުވާ ނޭނގިދާތަން ފެންނަމުންދާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިރޭ ޑރ. ވަހީދު ވިދާޅުވީ ގައުމުގެ ދުވެލި މަޑުވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންގެ އަޑު އުފުލަން. ދައުލަތުގެ މާލިއްޔަތުގެ ބޮޑު ބައެއް ވާނުވާ ގޮތެއް ނޭނގި ގެއްލިގެންދާ ތަން އެބަ ފެނޭ. އެކި ފަރާތް ފަރާތަށް ބައި އެޅެމުންދާ ތަން އެބަ ފެނޭ. މި ކޮވިޑުގެ ދުވަސްވަރު ހާއްސަކޮށް ގެވެށި އަނިޔާ އިތުރުވެ، ކުޑަކުދިންނަށް ލިބޭ އަނިޔާތައް އިތުރުވަމުން އެދަނީ. މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެން އަޑުއުފުލަން ޖެހޭ ކަންތައްތައް. އަދި ހަމަ ހުރިހާ ދިމާއަކުން މި ފެންނަނީ ރައްޔިތުން ބިކަ ހާލުގައި ޖެހެމުންދާ ތަން. މި އަޑުތައް އެބަޖެހޭ އިއްވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ މިއަދު ގައުމު އޮތީ ވަރަށް ނުރައްކާތެރި، ވަރަށް ހިތްދަތި ހާލަތެއްގައި ކަމަށާއި އެތައް ހާސް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި އެމީހުންގެ އާއިލާތައް ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށްއޮތް ތަނުގައި ވެސް އޮތީ ރަނގަޅަކަށް ނޫން. އަޅުގަނޑުމެންގެ ތެރޭގައި މިހާރު މި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް އަދިވެސް އޮތީ ކުރިއަށް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަދިވެސް ވަރަށް ބޮޑަށް ބަލައިގެން އުޅެން. އަޅުގަނޑުމެން އިގުތިސާދީ ކަންކަން ވެސް ކުރިން ގެންދިޔަ ގޮތަށް، އެ ބާރުމިނުގައި ގެންދެވޭކަށް ނެތް. އެހެންވީމާ އިގުތިސާދަށް އިތުރު ހީނަރުކަން ލިބޭނީ." ޑރ. ވަހީދު ވިދާޅުވިއެވެ.