އަލީ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތުގެ ކަންކަން ހިނގައިދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަނުކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގައިދިޔައީ އެންމެ އިންސާފުވެރި ގޮތުގައެއް ނޫން ކަމަށެވެ.
"ރައީސް ޔާމީނަށް އަދުލު އިންސާފު ލިބިވަޑައިނުގަންނަވާ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެމަނިކުފާނުގެ ޝަރީއަތް ހިނގައި އަދި ނިމިގެން ދިޔައީ އެ އަދުލުވެރި އިންސާފުވެރިގޮތެއްގައި، އެކަން ވާންވާ ގޮތަކަށް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ބައިނަލްއަގުވާމީ ދުނިޔޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އދ. ގައި މަސައްކަތްކުރިން 16 އަހަރު، އެކިއެކި މަގާމުތަކުގައި. ގާތްގަނޑަކަށް 12 ވަރަކަށް ގައުމުގައި މަސައްކަތްކުރެވިފައި ހުންނާނީ. ނިއު ޔޯކާއި ޖެނީވާ ތަންތާނގައި ވެސް. އެހެންވީމާ އަޅުގަނޑު ދަންނަ މީހުން ވެސް ތިބޭނެ. އަދި އދ. ގެ އެކިއެކި ޖަމާއަތްތަކުގައި ވެސް އަޅުގަނޑަކީ އާ މީހަކަށް ނުވާނެ. އެހެންވީމާ އަދުލު އިންސާފު ހޯދުމުގައި ދިވެހިރާއްޖެއަށް ކުރަންޖެހޭ ވަކާލާތުކުރުމުގައި، ދިވެހިރާއްޖޭގެ ރައީސަކަށް ކުރަން ޖެހޭ ވަކާލާތުކުރުމުގައި އަޅުގަނޑު ފަހެއް ނުޖެހޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ މިހާ ދަތި ދުވަސްވަރެއްގައި، ރާއްޖެއަށް މިހާ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ވަގުތެއްގައި، ރާއްޖެއަށް އެހާ ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު އެ ހުންނެވީ ބަންދުގައި ކަމަށާއި ރައީސް ޔާމީން ބަންދުކުރީ އެއްވެސް އިންސާފެއް ނެތި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި އަދުލު އިންސާފަކީ ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި ލިބެންޖެހޭ އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށް ލާފައިވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ.