އަލީ ޔާމިން
ހަތެއް ފެބްރުއަރީ 2012ގައި އެމްޑީޕީ ވެރިކަން ބަދަލުވި ގޮތުގެ މައްސަލަ އޮތީ ދުނިޔޭގެ ފެންވަރުގައި ބެލޭނެ އެންމެ ފުރިހަމައަށް ބަލާފައި ކަމަށް އެ ވެރިކަމަށްފަހު ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރީގެ މަގާމަށް އައްޔަނުކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، 7 ފެބްރުއަރީ 2012 ގައި އެމްޑީޕީގެ ވެރިކަން ބަދަލުވި މައްސަލަ އޮތީ ދުނިޔޭގެ ފެންވަރުގައި ބެލޭނެ އެންމެ ފުރިހަމައަށް ދެފުށްފެންނަ ގޮތަށް ބަލާފައި ކަމަށާއި ވެރިކަން ބަދަލުވި މައްސަލައިގައި އެމަނިކުފާނުގެ އިހުމާލެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވި ހާދިސާއަކީ އެކަމާ އުފާކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ، ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަން ފުރަތަމަ އުފެއްދެވީ ސިޔާސީ ނުފޫޒެއް ނެތް، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ބޭފުޅުން ހިމަނުއްވައިގެން ކަމަށާއި ނަމަވެސް އެގޮތްވެސް އެމްޑީޕީއަށް ކަމު ނުދިއުމުން ބޭރުގެ ފަރާތަކުން އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހަމަޖައްސެވި ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގެ ރިޔާސަތި ބެލެހެއްޓެވީ ސިންގަޕޫރުގެ ސްޕްރީމް ކޯޓުގެ ރިޓަޔާޑް ޖަޖެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުންވެސް ބޭރުގެ ދެ ބޭފުޅަކު އެ ކޮމިޝަންގައި ހިމެނިވަޑައިގެންނެވި ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، ވެރިކަން ބަދަލުވި ގޮތުގެ ރިޕޯޓު ކޮމިޝަނުން އެކުލަވާލައިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އެ ކޮމިޝަނަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވި ގޮތުގެ މައްސަލަ އޮތީ ދުނިޔޭގެ ފެންވަރުގައި ބެލޭނެ އެންމެ ފުރިހަމައަށް ބަލާފައި ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
"ކޮމިޝަނަށް އަޅުގަނޑުވެސް ގެންދެވި ދެ ފަހަރަށް ތިން ފަހަރަށް. އެމީހުން ތަހުގީގުކޮށްފައި ރިޕޯޓެއް ނެރުނު. އެ ރިޕޯޓު އެބައިން މިހާރުވެސް އިންޓަނެޓުގައި. އެހެންކަމުން އަޅުގަނޑު އެއާ ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް. އެ ރިޕޯޓަށް ވުރެ މޮޅު ރިޕޯޓެއް ހައްދަވަންޏާ ޖެހޭނީ އެއަށްވުރެ ފުންނާބު އުސް ބައެއް ހޯއްދަވަން. އެއަށްވުރެ ވަކި ފަރާތްތަކަށް ނުޖެހޭ ޖަމާއަތްތަކެއްވެސް ހޯއްދަވަން. އެހެންކަމުން އެކަން އެއޮތީ ދުނިޔޭގައި އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ފުރިހަމައަށް ކޮށްފައި،" ރައީސް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތުގެ މައްސަލަ ވަނީ ދުނިޔޭގެ ފެންވަރުގައި ބެލޭނެ އެންމެ ފުރިހަމައަކަށް ބަލާފައި ކަމަށް ރައީސް ވަހީދު ވިދާޅުވި އިރު، އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މިހާރު ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، 7 ފެބްރުއަރީ 2012ގެ ކަންކަން އަލުން ބަލައިފިނަމަ އެއީ "ބަގާވާތެއް"ކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
ރައީސް ވަހީދު މިރޭ ވިދާޅުވީ، ވެރިކަން ބަދަލުވި ހާދިސާ އަލުން ތަހުގީގުކުރައްވައިފިނަމަ އެކަމަށްވެސް އެމަނިކުފާނު އެއްބާރުލުން ދެއްވާނެ ކަމަށެވެ.
7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން ދެން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެގޮތުން ދެ އަހަރެއްހާ ދުވަހު ރައީސް ވަހީދު ރާއްޖޭގެ ވެރިކަން ކުރެއްވިއެވެ. އޭރުވެސް އަދި މިހާރުވެސް އެމްޑީޕީން ބުނަމުންދަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ކަމަށާއި ބަގާވާތް ރޭވުމުގައި ރައީސް ވަހީދުގެ ދައުރު ބޮޑު ކަމަށެވެ.