ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންސާފު ހޯދައިދޭން ބައިނަލްއަގުވާމީ ދުނިޔޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިރޭ ޑރ. ވަހީދު ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ރައީށަކަށް ވަކާލާތުކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު އދ. ގައި މަސައްކަތްކުރިން 16 އަހަރު، އެކިއެކި މަގާމުތަކުގައި. ގާތްގަނޑަކަށް 12 ވަރަކަށް ގައުމުގައި މަސައްކަތްކުރެވިފައި ހުންނާނީ. ނިއު ޔޯކާއި ޖެނީވާ ތަންތާނގައި ވެސް. އެހެންވީމާ އަޅުގަނޑު ދަންނަ މީހުން ވެސް ތިބޭނެ. އަދި އދ. ގެ އެކިއެކި ޖަމާއަތްތަކުގައި ވެސް އަޅުގަނޑަކީ އާ މީހަކަށް ނުވާނެ. އެހެންވީމާ އަދުލު އިންސާފު ހޯދުމުގައި ދިވެހިރާއްޖެއަށް ކުރަންޖެހޭ ވަކާލާތުކުރުމުގައި، ދިވެހިރާއްޖޭގެ ރައީސަކަށް ކުރަން ޖެހޭ ވަކާލާތުކުރުމުގައި އަޅުގަނޑު ފަހެއް ނުޖެހޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް ވެސް އަދުލު އިންސާފު ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީއެއް ގާއިމުކުރުމަށްޓަކައި ވަރަށް ގިނަ ބައެއްގެ ފޮނި އުންމީދުތަކެއް އޭގެ ފަހަތުގައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ރައްޔިތުންނަކީ އަދުލު އިންސާފަށް ލޯބިކުރާ ބައެއް. ޑިމޮކްރަސީ، ޑިމޮކްރަސީއަކަށް ވާނީ އެ ރައްޔިތުން އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރާ، ރައްޔިތުން ބަލައިގަންނަ ޑިމޮކްރަސީއަކަށް ޑިމޮކްރަސީވެގެން. އަދުލު އިންސާފަކީ އެއީ ހުރިހާ އެންމެންނަށް ހަމަހަމަގޮތެއްގައި ލިބެންޖެހޭ އެއްޗެއް. އެގޮތުން މިރޭ، މި ޕާޓީގެ ކޯލިޝަންގެ ޒައީމް، ކުރީގެ ރައީސް، ރައީސް ޔާމީން ވަރަށް އަނިޔާވެރި ގޮތެއްގައި މިހާރު އެ ހުންނެވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ މިހާ ދަތި ދުވަސްވަރެއްގައި، ރާއްޖެއަށް މިހާ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ވަގުތެއްގައި، ރާއްޖެއަށް އެހާ ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު އެ ހުންނެވީ ބަންދުގައި ކަމަށާއި ރައީސް ޔާމީން ބަންދުކުރީ އެއްވެސް އިންސާފެއް ނެތި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.
"ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިންސާފެއް ނެތި. އެހެންވީމާ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ޖެހޭ އެމަނިކުފާނަށް އަދުލުވެރި އިންސާފު ލިބޭތޯ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރިކަމެއް އެބޭފުޅާއަށް ވެސް ލިބޭތޯ." ޑރ. ވަހީދު ވިދާޅުވިއެވެ.