ކުއްލި ޚަބަރު

2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާކަށް އަދި ނުނިންމަން: ޑރ. ވަހީދު

އަލީ ޔާމިން

ރިޔާސީ އިންތިހާބު 2023ގައި ވާދަކުރަން އަދި ނުނިންމަވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުކަމަށް މިރޭ އައްޔަނުކުރެއްވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އަދި ނުނިންމަވާ ކަމަށާއި އެކަމާ މެދު ނުވެސް ވިސްނަވާ ކަމަށެވެ.

ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެ ނަމަ އެކަމާ ވިސްނަވާނެ ކަމުގެ އިޝާރާތެއް ރައީސް ވަހީދު ކުރެއްވިއެވެ.

"ރިޔާސީ އިންތިހާބުގެ ކަންކަމުގައި އަޅުގަނޑު ކުރިން ދެންނެވިހެން ހުރިހާ އެންމެންނަށްވެސް ފުރުސަތު އެބައޮތް މި ޕާޓީގައި. ކޮންމެ ބޭފުޅަކަށްވެސް އެބައޮތް. އަޅުގަނޑު މި ދަންނަވަނީ ތެދަށް. އަޅުގަނޑު ސީރިއަސް ކަމާއެކުގައި ނުވިސްނަން އެކަމާ،" ރައީސް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު މިހާރު ހުންނެވީ އުފަލުގައި ކަމަށާއި ވެރިކަން ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ވެރިކަން ހޯދުމުގެ ނިޔަތުގައި އިތުރު އުފަލެއް ބޭނުން ނުވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ވެރިކަމަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާ އިރު، ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައިވަނީ އެ ކޯލިޝަނުން 2023 ވަނަ އަހަރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެރުމަށެވެ. ނަމަވެސް ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނުގެ މައްޗަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެހެންކަމުން އެ ހުކުމް އެގޮތަށް ތަންފީޒުކޮށްފިނަމަ ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ރައީސް ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައިސް ވަހީދަކީ އެއިރު ނައިބު ރައީސެވެ. ރައީސް ވަހީދު އަލުން ސިޔާސީ މަސައްކަތް ފައްޓަވާފައި މިވަނީ ސިޔާސީ މައިދާނާ ދުރުގައި ހަ އަހަރު އުޅުއްވުމަށް ފަހުގައެވެ.