ކުއްލި ޚަބަރު

ޑރ. ވަހީދަށް ޕީޕީއެމުން މިރޭ ހާއްސަ މަގާމެއް ދެނީ

އަލީ ޔާމިން

2

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ޕީޕީއެމުން ހާއްސަ މަގާމެއް ދިނުމަށް މިރޭ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި މިރެއަށް ތާވަލުކޮށްފައިވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމު މުހިންމު ނިންމުމެއް ނިންމުމަށް ވަނީ އެޖެންޑާކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މިރޭ އޮންނަ ކައުންސިލް ބައްދަލުވުމުގައި ޑރ. ވަހީދަށް ދެއްވާނެ މަގާމެއް ނިންމަވާނެއެވެ. އަދި އެމަނިކުފާނަށް ދެއްވުމަށް ނިންމާފައިވަނީ އެޕާޓީގެ އެޑްވައިޒަރުގެ މަގާމެވެ.

މިކަމާ ގުޅިގެން "ވަން" އިން ޕީޕީއެމްގެ އިސް ލީޑާޝިޕްގައި ހަރަކާތްތެރިވާ ބޭފުޅަކަށް ގުޅާލުމުން މިކަން ދޮގުކުރައްވައިފައެއް ނުވެއެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ.

ކައުންސިލް ބައްދަލުވުމަށްފަހު، މިރޭ 9:00 ގައި ނޫސްވެރިންގެ ބައްދަލުވުމަކަށް ވަނީ ދައުވަތު ދީފައެވެ. ބެލެވޭ ގޮތުގައި ކައުންސިލް ބައްދަލުވުމުގެ ނިންމުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެއެވެ.

ދެ އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ވަހީދުގެ ވެރިކަން ނިމި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އަމިއްލަ ޕާޓީ ދޫކޮށްލައްވައި ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ. ނަމަވެސް އޭގެ ފަހުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވިއެވެ. ނަމަވެސް އަނެއްކާވެސް އެމަނިކުފާނު މިވަނީ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އެމަނިކުފާނު މިހާރު ހުންނެވީ ޖަލުގައެވެ. އެމަނިކުފާނު ޖަލުގައި ހުންނެވުމުން ޕާޓީގެ ލީޑަޝިޕްގައި އެހާ ވަރުގަދަ ބޭފުޅެއް ނެތް ކަމުގެ ޝަކުވާ އެ ޕާޓީގެ އާންމު މެންބަރުން ކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟