ދުނިޔެ

ޖުލައި ހަތެއްގައި ފަތުރުވެރިންނަށް ދުބާއީ ހުޅުވާލަނީ

މަރިޔަމް ޝަހުދާ

އަންނަ ޖުލައި މަހު ހަތެއްގައި ފަތުރުވެރިންނަށް ދުބާއީ ހުޅުވާލުމަށް ޔުނައިޓަޑް އަރަބް އެމިރޭޓްސް، ޔޫއޭއީން ނިންމައިފިއެވެ.

ޔޫއޭއީގެ މި ނިންމުމަކީ ކޮވިޑް 19 އާއި ގުޅިގެން އެ ގައުމު ލޮކްޑައުންގައި އޮތުމަށްފަހު، މި ހަފްތާގައި ދޭން ފަށާއިފައިވާ ލުއިތަކާއެކު ނިންމާފައިވާ ނިންމުމެއް ކަމަށް އަރަބް ނިއުސްގައި ރިޕޯޓު ކޮށްފައިވެއެވެ.

ދުބައީއަށް އެތެރެވާ ފަތުރުވެރިން އަމަލު ކުރަންވީ ގޮތުގެ ގައިޑްލައިނެއް އެކުލަވާލައި ޔޫއޭއީ ސަރުކާރުން އާންމުކޮށްފައިވާ ކަމަށް ޚަލީޖް ޓައިމްސްގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ފަތުރުވެރިންނަށް ދުބާއީއަށް އެތެރެ ވެވޭނީ އެއާޕޯޓުން ކޮވިޑް 19އަށް ޓެސްޓު ކުރުމުން ނޫނީ ކޮވިޑް 19 އަށް ނެގަޓިވްކަން އެނގޭ ލިޔުމެއް ދެއްކުމުން ކަމަށް ޔޫއޭއީ ސަރުކާރުން ބުނެފައިވާ ކަމަށް ޚަލީޖް ޓައިމްސްގައި ރިޕޯޓުކޮށްފައި ވެއެވެ. މި ޓެސްޓަކީ ދުބާއީއަށް ދިއުމުގެ ހަތަރު ދުވަސް (96 ގަޑިއިރު) ކުރިން ހަދާފައިވާ ޓެސްޓަކަށް ވާން ޖެހޭނެ ކަމަށް މި ގައިޑްލައިނުގައި ވެއެވެ.

މީގެ އިތުރުން، ފަތުރުވެރިންނަށް ދުބާއީއަށް އެތެރެ ވެވޭނީ ހެލްތު އިންޝުއަރެންސް އޮތުމާއެކު، "ހެލްތު ޑިކްލެރޭޝަން ފޯމު" ފުރުމަށްފަހު ކަމަށް މި ގައިޑުލައިނުގައިވާ ކަމަށް ޚަލީޖް ޓައިމްސްގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި ފަތުރުވެރިޔާގެ ކިބައިން ކޮވިޑްގެ އަލާމާތެއް ފެނިއްޖެ ހާލަތެއްގައި މުއާމަލާތު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން ކޮވިޑް 19 ޑީއެކްސްބީ އެޕް އެޅުމަށްފަހު ރެޖިސްޓާވާން ޖެހޭނެ ކަމަށް މި ގައިޑުލައިނުގައި ވެއެވެ.

އެއާލައިނެއްގެ ފަސިންޖަރުންގެ ކިބައިން ކޮވިޑްގެ އަލާމާތެއް ފެނިއްޖެ ނަމަ އެމީހާ އެ ފްލައިޓުން ދަތުރު ނުކުރުމަށް އެއާލައިންނަށް ނިންމޭނެކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ. އަދި ޑުބާއީއަށް އެތެރެވާ ކޮންމެ މީހަކު އެއާޕޯޓުން ތާމަލް ސްކްރީން ކުރަން ޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.