ކުއްލި ޚަބަރު

މަޖިލިސް ކައިރީގައި އިތުރު މުޒާހަރާއެއް، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަނީ

2

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި އިތުރު މުޒާހަރާއެއް ފަށައިފިއެވެ.

"ދިވެހި ފުލުހުންނާއެކު ރައްޔިތުން" މި ނަމުގައި ސޯސަންމަގު، މަޖީދިއްޔާ ސްކޫލު ކަންމަތީގައި ކުރަމުން އަންނަ މުޒާހަރާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ.

މީގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު)ގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންގެ ހިދުމަތުގެ ބިލަށް ގެނައުމަށް މަޖިލީހުގައި ބަހުސް ކުރަމުން އަންނަ ކަންކަމާއި ގުޅިގެން އިހުތިޖާޖުކޮށް އަޑުއުފުލައިފައެވެ. އެގޮތުން ފުުހުންގެ ގާނޫނު ބަދަލު ނުކުރުމަށާއި، އެ ގާނޫނު ލާދީނީ ނުކުރުމަށް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ. އަދި ފުލުހުންގެ މައި އިދާރާ ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ނަން ބަދަލު ކުރުމާ ދެކޮޅަށް މުޒާހަރާގެ ބައިވެރިން އަޑު އުފުލިއެވެ.

ފުލުހުންނަކީ މިގައުމުގައި ޝަރަފައި، އިއްޒަތައި އަބުރު ލިބިގެންވާ ބައެއް ކަމަށާއި، އެމީހުންގެ އަބުރު ކަތިލައި، އެމީހުންގެ އަބުރު ވެއްޔާ މޮޑެވޭނެ ފަދަ ގޮތްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް މުޒާހަރާގެ މެންބަރުން ވަނީ ގޮވާލައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަދި އެހެން ތަންތާގައިވެސް ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

މި އެއްވުމާއި ގުޅިގެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އެޗްޕީއޭގެ ގަވައިދާއި އެއްގޮތަށް އަމަލު ކުރުމަށް އަންގައިފައެވެ. ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާންމު ތަންތަނުގައި ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފައިވާކަން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަނދާން ކޮށްދީފައެވެ. އަދި ފުލުހުންގެ އެންގުންތަކަށް ކިޔަމަން ވުމަށް ފުލުހުން އެދިފައި ވެއެވެ.

މުޒާހަރާ މެދުކަނޑާލާފައިވަނީ އަދިވެސް ފުލުހުންގެ ހައްގުގައި އިހުތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށް ބުނުމަށްފަހުއެވެ. އަދި މުޒާހަރާ ނިންމާލީ މިއަދަށް ކަމަށް މުޒާހަރާ ނިންމާލަމުން ބުނެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟