ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުއާމަލާތްތަކުގެ ރިޕޯޓުގައި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000ރ. ފޮނުވާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންއަށް ތުހުމަތުކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޗިޓުގައި ބުންޏެވެ.
އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8:00 އަށެވެ.
އެ މައްސަލައާ ގުޅިގެން އަލްހާން ކުރިން ވިދާޅުވީ 200،000ރ. އަކީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ހައިލަމް ނެގި ލޯނެއް ކަމަށެވެ. އަދި ދެ މީހުންނަކީ ކުރީއްސުރެ ގާތް ރަހުމަތްތެރިން ކަމަށާއި އެ ފައިސާ ހައިލަމަށް ޓްރާންސްފާކޮށްފައި ވާނީ އޭނާގެ އެކައުންޓުން ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި އޭނާ ސަސްޕެންޑުކޮށް ގާޒީކަމުން ވަކި ކުރަން ނިންމާފައިވަނިކޮށް، އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. ހައިލަމް ފޮނުވި ކުރެހުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފައެވެ.