ދުނިޔެ

ލަންކާގައި 15 ދުވަސްތެރޭ 25000 މީހުން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

1

ލަންކާގައި 15 ދުވަސްތެރޭ 25000 މީހުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ޖާލިޔާ ސެނަރަތުނަ ވިދާޅުވީ މިމަހުގެ 6 ކުން 20 ވަނަ ދުވަހާ ދެމެދު ބޮޑެތި ކުށްތަކުގެ ތުހުމަތުތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހުންގެ ތެރޭގައި ހަތިޔާރާއި ގޮވާތަކެތީގެ އިތުރުން ރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ހިމެނެއެވެ.

ލަންކާގެ ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި 6420 މީހުން ހައްޔަރު ކޮށްފައިވަނީ ބަނގުރަލާ ގުޅުން ހުރި ކުށްތަކާއި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައެވެ. އެގޮތުން މި ތަކެތީގެ ތެރޭގައި 5 ކިލޯއަށް ވުރެ ގިނަ ހެރޮއިން އާއި 217 ކިލޯ ކެނަބިސް އާއި މަނާ ކޮށްފައިވާ ބާވަތެއްގެ ޑްރަގެއް ކަމަށްވާ އައިސް ގެ 760 ކިލޯ ހިމެނޭ މައްސަލަތައް ހިމެނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން 52 މީހުން ހައްޔަރު ކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރާއި ވަޒަނުގެ އިތުރުން ވަޅިއާއި 3 ކަނޑި އެމީހުންގެ އަތުން ފެނުމުގެ ކުށުގައެވެ. 6 މީހަކު ހައްޔަރުކޮށްފައިވަނީ 367 ގުރާމް ގޮވާތަކެއްޗާއި 23 ޑެޓޮނޭޓަރުގެ އިތުރުން ހަތް އަތުބޮން ފެނުމުގެ ކުށުގައެވެ.

ލަންކާގެ ފުލުހުން ބުނެފައިވަނީ 5574 މީހަކު ހައްޔަރުކޮށްފައި ވަނީ މަނާ ބާވަތެއްގެ ރަލާ ގުޅުންހުރި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. އަދި 5110 މީހުންނަކީ ކޯޓު އަމުރުތަކާ ހިލާފުވުމުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންކަމުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟