މިދިޔަ 24 ގަޑިއިރު ތެރޭ 16 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 2203 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތް މީހަކާއި އިންޑިއާގެ މީހެއް ކަމަށެވެ.
މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވީ އިއްޔެއެވެ. އިއްޔެ ޕޮޒިޓިވްވީ 37 މީހެކެވެ. އިއްޔެ ފިޔަވައި މިމަހުގެ އެހެން ދުވަސްތަކުގައި ޕޮޒިޓިވްވީ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ.
އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 15 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 1803 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 387 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 147 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 305 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.