ކުއްލި ޚަބަރު

ޕީޖީ އޮފީހުގެ އިތުބާރު ގެއްލޭގޮތަށް ދޮގު ހަބަރު ލިޔުނު ކަމަށް ބުނެ ދިޔަރެސް ނޫހުގެ މައްސަލަ އެމްއެމްސީއަށް ހަށަހަޅަނީ

އަލީ ޔާމިން

1

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހާ މެދު ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ގޮތަށް "ދިޔަރެސް" ނޫހުން ހަބަރެއް ލިޔުނު ކަމަށް ބުނެ، އެ މައްސަލަ ޕީޖީ އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅުމަށް ނިންމައިފިއެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި" މި ސުރުހީގައި މިމަހުގެ 19 ވަނަ ދުވަހުގެ 19:06 ގައި އޮންލައިން ނޫހެއް ކަމުގައިވާ "ދިޔަރެސް" ގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ބެހޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ވެރިންނަށާއި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލައިގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް އޮތް ލިޔުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކައެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، ރާއްޖޭގެ ގާނޫނުތައް ތަރުތީބުވެފައިވާ ގޮތުން ތަހުގީގީ އިދާރާތަކަކީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް މިނިވަންކަމާ މުސްތަގިއްލުކަމާއެކު ތަހުގީގުކުރުމުގެ ބާރު ލިބިދީފައިވާ އިދާރާތަކެއް ކަމަށާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމާ މެދު ގޮތް ނިންމުމާއި، ތަހުގީގު ނުކުރުމަށް ނިންމުން ފަދަ ނިންމުންތަކަކީ ތަހުގީގީ އިދާރާތަކުގެ ބާރުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި އެއީ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ޝާމިލުވާ އެއްވެސް މީހެއްގެ ތަހުގީގު ނުކުރުމަށް ނުވަތަ އެ މައްސަލައިގައި ޝާމިލުވާ އެއްވެސް މީހެއްގެ މައްސަލަ ބަލައިނުގަތުމަށް ނުވަތަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެއްވެސް އިރަކު އެއްވެސް މީހަކަށް ނުވަތަ އިދާރާއަކަށްވިޔަސް އަންގަވާފައި ނުވާ ކަމަށާއި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތަކާއި އެ މައްސަލަތަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ދެއްވާ އިރުޝާދުތަކަކީ ލިޔުމުން ފެންނަން ހުންނާނެ ކަންކަން ކަމަށެވެ.

މިނިވަން ނޫސްވެރިކަމުގެ މައިގަނޑު އެއް ބަހާއަކީ ދެފަރާތުގެ ބަސް ހިމަނައިގެން، ތެދު ހަބަރުތައް ޝާއިއުކުރުން ކަމަށާއި ނަމަވެސް، ޕްރޮސިކިއުޓަރު ޖެނެރަލްއަށް ނިސްބަތްކޮށް، ޕްރޮސިކިއުޓަރު ޖެނެރަލްއާއި، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާމެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭގޮތަށް "ދިޔަރެސް" ނޫހުން ދޮގު ލިޔުމެއް ޝާއިއު ކުރިއިރު، އެލިޔުމާ ގުޅޭގޮތުން އެ އޮފީހުގެ ބަހެއް ހޯދާފައެއް ނުވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ބަހެއް ހޯދުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލަށް ނިސްބަތްކޮށް، ޕްރޮސެކިއުޓާ ޖެނެރަލްއާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މެދު އާންމުންގެ މެދުގައި އިތުބާރު ގެއްލޭ ގޮތަށް "ދިޔަރެސް"ގައި ޝާއިއުކުރި އެ ލިޔުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކޮށްފައިވާ ލިޔުމަކަށް ވާތީ، އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟