ފުވައްމުލައް ސިޓީގެ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ ބޭރަށް ނުކުތުމުން ހައްޔަރުކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ނިޖާހް "ވަން" އަށް ވިދާޅުވީ، އެ ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާގެ ބަންދަށް 14 ދުވަސް މިހާރު ވަނީ ޖަހައިފައެވެ. ދެވަނަ މީހާ ހައްޔަރުކުރީ މިއަދު ކަމަށާއި ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހަން އަދި ކޯޓަށް ނުގެންދާ ކަމަށް ވިދާޅުވިއެވެ.
ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގައި 230 އަށްވުރެ ގިނަ މީހުން ތިބިއިރު އެ ސިޓީ ކައުންސިލުން ވަނީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާޓެރިކަމަށްޓަކައި އެ ސިޓީއަށް ހޯމް ކަރަންޓީނަށް ދާ މީހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑު 19 ފެތުރޭތީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން މާލޭގައި ތާށި ވި މީހުން އެނބުރި ރަށްރަށަށް ގޮސް ގޭގައި ކަރަންޓީން ކުރުމުގައި އަމަލުކުރަން ޖެހޭނެ ކަންކަން ހިމަނައި އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން މާލެއިން ރަށްރަށަށް ދާ މީހުން ގޭގައި ކަރަންޓީނު ކުރާނީ 14 ދުވަހަށެވެ. މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދައި، އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލާނެއެވެ.
ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން، ގޭގައި ކަރަންޓީނުކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫނީ ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށާއި އަދި ގޭގެއަށް ޒިޔާރަތް ކުރުމާއި އެހެން މީހުންނާ ދިމާވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށް ބުނެފައި ވެއެވެ.