އިރާގްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ރާދީ ކޮވިޑް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
ނަވާރަސަތޭކައިގެ އަހަރުތަކުގައި ވިދާލި، މިހާރު އުމުރުން 56 އަހަރުގެ ރާދީ އަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މިދިޔަ ހަފުތާގައި ބަލިވެގެން ބަގުދާދުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށް ހެދި ޓެސްޓު ތަކުންނެވެ. އިރާގުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ރާދީގެ ހާލު މިދިޔަ ބުރާސްފަތި ދުވަހު ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ފަހުން ހާލު ގޯސްވެ އަނެއްކާވެސް އެޑްމިޓް ކުރި ކަމަށެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރާދީ މަރުވެފައިވާކަން އިރާގުގެ ހެލްތު މިނިސްޓްރީން ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދީފައެވެ. އަދި ރާދީގެ އާއިލާއިން ވެސް ވަނީ އޭނާ މަރުވިކަން ޔަގީން ކޮށްދީފައެވެ.
ރާދީގެ މަރުގެ މަރުގެ ހަބަރު ލިބުމާއިއެކު ޖޯޑަން ފުޓުބޯޅަ އެސޯސިއޭޝަންގެ ޑިރެކްޓަރު އަލީ އަލް ހުސައިން ވިދާޅުވެފައިވަނީ ރާދީގެ ވަކިވެދިއުމަކީ މުޅި ދުނިޔޭގެ ފުޓުބޯޅަ އަށް ވެސް ލިބިގެންދިޔަ ދެރައެއް ކަމަށާއި އަދި އޭނާ އާ ދޭތެރޭ އަބަދުވެސް ފަހުރުވެރިވާ ކަމަށެވެ.
ބަގުދާދަށް އުފަން ރާދީ ވަނީ އިރާގުގެ ގައުމީޓީމަށް 121 މެޗް ކުޅެ 62 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާގެ އިންޓަނޭޝަނަލް ކެރިއާ 1997 ވަނަ އަހަރު ނިންމާލި އިރު ފުޓުބޯޅަ ކުޅުން ހުއްޓާލީ 1999 އަހަރު އެވެ. 1982 ވަނަ އަހަރު އިރާގުގެ ގައުމީ ޓީމުން އޭޝިއަން ގޭމްސް ކާމިޔާބު ކުރި ޓީމުގައިވެސް ރާދީ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި 1984 އާއި 1988 ވަނަ އަހަރު ގަލްފް ކަޕް އިރާގުން ހޯދި އިރުވެސް އޭނާ ހިމެނުނެވެ.
މީގެ އިތުރުން 1988 ވަނަ އަހަރު ހޮވި އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ރާދީ ވަނީ ހޯދާފައެވެ. ރާދީ ވަނީ އިންޓަނޭޝަނަލް މުބާރާތްތަކުގަ އާއި ކްލަބް ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ފަހުން އޭނާފެނިގެން ގޮސްފައިވަނީ ސިޔާސީ ދާއިރާއިންނެވެ.