ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ އިތުރު ދެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެ ދެ މީހުންނާއެކު ޕީއެސްއެމްގެ ޖުމުލަ ތިން މުވައްޒަފަކު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
"ވަން" މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން ޕޮޒިޓިވްވި ދެ މުވައްޒަފުންގެ ތެރެއިން އެކަކީ ޕީއެސްއެމުން ފުރަތަމަ ޕޮޒިޓިވްވި މުވައްޒަފުގެ ކޮންޓެކްޓެކެވެ. އޭނާއަކީ ވެސް ފުރަތަމަ ޕޮޒިޓިވްވި މުވައްޒަފާއެކު ޕީއެސްއެމްގެ ޓެކްނިކަލް ޓީމުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
އެނގިފައިވާ ގޮތުގައި އަނެއް މުވައްޒަފަކީ ޗުއްޓީގައި ހުރި މުވައްޒަފެކެވެ. ޗުއްޓީގައި ހުރި މުވައްޒަފު އޮފީހަށް ނުނުކުންނަތާ މިހާރު ދެ ތިން މަސް ވެއްޖެއެވެ. އޭނާގެ ޗުއްޓީ ހަމަވެފައިވަނީ ލޮކްޑައުންގެ ތެރޭގައި ކަމުން އޮފީހަށް ނުކުމެވޭ ގޮތް ވަނީ ނުވެފައެވެ.
ކޮވިޑާ ގުޅިގެން ޕީއެސްއެމްގެ މަސައްކަތްތައް ކުރިއަށްގެންދަނީ މަދު މުވައްޒަފުންތަކެއް ނެރެގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެ މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެ ތިބެގެންނެވެ.