އަލީ ޔާމިން
ލޮކްޑައުން ލުއީގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވިޔަސް ކުރިން ވީ ވަރަށް ގިނަވާނެ ކަމަކަށް ނުބެލެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުންގައި އުޅުމަށް ދިވެހިން ވަރަށް ބޮޑަށް ފަރިތަވެފައިވާ ކަމަށެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުޔާއެކު ދިވެހިންގެ ފަރާތުން ފެނުނީ އެންމެ އުފާވާ މަންޒަރެއް ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތުން ގައިދުރުކަން ނެތި މަގުތަކުގައި މީހުން އުޅޭ މިންވަރު އިތުރުކަން ފާހަގަކުރެއްވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މާލެ ސަރަހައްދަށް ދިން ލުއިތަކާއެކު ބަލި އިތުރަށް ފެތުރޭކަން އެނގޭނީ ހަފުތާއެއް ފަހުން ކަމަށެވެ. އެގޮތުން މިހާރުވެސް ޑޭޓާތައް އެއްކުރަމުން އަންނަ ކަމަށާއި ޑޭޓާތަކަށް ބަދަލު އަންނަނަމަ ހާލަތަށް ބަދަލުތަކެއް އަންނަކަން އެނގޭނެ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަދި ލޮކްޑައުން ލުއީގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް އިތުރުވިޔަސް ކުރިން ވީ ވަރަށް ގިނަވާނެ ކަމަކަށް ނުބެލޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އަނބުރާ ލޮކްޑައުނަކަށް ގޮސްގެން އިތުރު ޕީކެއް އައި ކަމުގައިވިޔަސް އަޅުގަނޑުމެންގެ އިނީޝިއަލް ޕީކްސްއަށްވުރެ ކުޑަވާނެ ކަމަށް ލަފާކުރެވެނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ދިން ލުޔަށް ރައްޔިތުން ފުރިހަމައަށް އަމަލުކޮށްފިނަމަ އަނބުރާ ލޮކްޑައުނަކަށް ދާން ނުޖެހޭނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ގޮތް ހަމަޖައްސާފައިވާ އިރު، ބޭރުގައި އުޅެވޭނީ ފަތިހު 5:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުއްދަ ނެތި ބޭރުގައި އުޅޭއިރު ތިން މީހުންނަށް ވުރެ ގިނައިން ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފައިވާ އިރު، ގޭގެއަށް ޒިޔާރަތް ކުރުން ވެެސް ވަނީ މަނާކޮށްފައެވެ.