ކުއްލި ޚަބަރު

ލޮކްޑައުނަށް ދިން ލުއީގައި ރައްޔިތުންގެ ފަރާތުން ފެންނަނީ އެދެވޭ މަންޒަރެއް ނޫން: ޑރ. އަފްޒަލް

އަލީ ޔާމިން

ލޮކްޑައުނަށް ދިން ލުއީގައި ރައްޔިތުންގެ ފަރާތުން ފެންނަނީ އެދެވޭ މަންޒަރެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ދިން ލުއިތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ އަނބުރާ ލޮކްޑައުނަކަށް ދާން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ލޮކްޑައުނަށް ދިން ލުއީގައި ރައްޔިތުންގެ ފަރާތުން ފެންނަނީ އެދެވޭ މަންޒަރެއް ނޫން ކަމަށާއި އެގޮތުން ބަލީގެ ނުރައްކާ ރައްޔިތުން ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ލޮކްޑައުންގައި ތިބޭތާ ގިނަ ދުވަސްތަކެއްވުމުން އަަޅުގަނޑުމެންގެ ގިނަ ބަޔަކު މިވަނީ ލޮކްޑައުނުގައި އުޅެން ދަސްވެފައި. ނަމަވެސް ލޮކްޑައުނަށް ލުޔެއް ދިނުމާއެކު ބައެއް ރައްޔިތުންނަށް މިކަން ހަނދާން ނެތިގެނޭ މިއުޅެނީ. އަޅުގަނޑުމެންގެ މަސައްކަތަކީ އެކަން ވީހާވެސް ގިނައިން ތިބޭފުޅުންނަށް ހަނދާންކޮށްދިނުން."ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، އަލުން އަނބުރާ ލޮކްޑައުނަށް ދިޔުމުން ޕީކެއް އަޔަސް ބޮޑު ޕީކެއް ނާންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ވަނީ ލުއިތަކެއް ދޭން ފަށައިފައެވެ. ފުރަތަމަ މަރުހަލާގައި ދިން ލުއިތަކުގެ ނަތީޖާއަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހުން ވަނީ ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ދީފައިވާ އެންމެ ބޮޑު ލުޔަކީ ހުއްދައަކާ ނުލައި ބޭރުގައި އުޅުމުގެ ފުރުސަތު ދިނުމެވެ.