ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވް ދެ މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެނީ

ކޮވިޑް 19އަށް ޕޮޒިޓިވް ދެ މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ތިން މީހަކު އަދި ހުޅުމާލެ މެޑިކަލް ހޮސްޕިޓަލުގައި އަށް މީހަކަށް މިވަގުތު ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މިވަގުތު އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ 77 އަހަރުގެ ދިވެހި އަންހެނަކަށާއި ހުޅުމާލެ މެޑިކަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ 43 އަހަރުގެ ފިލިޕީންސް ފިރިހެނެކަށެވެ. މި ދެ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2187 އަރާފައިވާއިރު އެބަލިން ރަނގަޅުވެފައިވަނީ 1788 މީހެކެވެ. އަދި އެބަލީގައި އަށް މީހަކު މިހާތަނަށް މަރުވެފައިވެއެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.