އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ގަޑީގައި އެހެން މީހުން ގިނައިން ބޭރަށް ނުނުކުތުމަށް އިލްތިމާސްކޮށްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފަތިސް ގަޑި ދުވަސްވީ މީހުންނަށް ހާއްސަކޮށްފައި އޮތް ނަމަވެސް، އެ ގަޑީގައި އެހެން އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ މީހުން ނުކުމެ އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ފަތިސް ގަޑި އަޅުގަނޑުމެން ހާއްސަކޮށްފައި މިއޮތީ އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ ކަސްރަތުކޮށްލައި، ހިނގާލަން ދިއުމަށްޓަކައި. ނަމަވެސް އެ ވަގުތު ވެސް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބައެއް އެހެން ބޭފުޅުން ވެސް، ޒުވާން އުމުރުގެ މީހުން ވެސް އެވަގުތުގެ ބޭނުންކުރޭ ދުވުމަށާއި ކަސްރަތުކުރުމަށް ނުކުތުމަށް. މިގޮތަށް ވަކި ގަޑިތަކެއް، ވަކި ގްރޫޕުތަކަކަށް ނުވަތަ ވަކި އުމުރުތަކެއްގެ މީހުންނަށް ހާއްސަކޮށްފައި މިއޮތީ މީގެ ބައެއް ގްރޫޕުތަކަކީ ވަލްނަރަބަލް ގްރޫޕްސް، ނުވަތަ ރިސްކް ބޮޑު މީހުން،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ވަގުތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބޭރަށް ނުކުމެ އެއްވެ އުޅޭކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ރަނގަޅު އާދައެއް ނޫން ކަމަށެވެ. އަދި ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ވަކި ދުވަސްތަކަށް ބަހާލައިގެން ކުޑަކުދިން ބޭރަށް ނެރުމަށް ޑރ. ޝަހީދު ވަނީ އިލްތިމާސްކުރައްވައިފައެވެ.