ކުއްލި ޚަބަރު

ހުއްދަ އޮތަސް ކުޑަކުދިން ގެއިން ބޭރަށް ނުނެރުމަށް އިލްތިމާސްކޮށްފި

ހުއްދަ އޮތަސް ކުޑަކުދިން ގެއިން ބޭރަށް ނުނެރުމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން އިލްތިމާސްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކުޑަކުދިން ބޭރަށް ނުކުތުމަށް ހާއްސަކޮށްފައިވާ ވަގުތުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ބޭރަށް ނުކުމެ އެއްވެ އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.

"ފާހަގަކުރެވޭ ގޮތުގައި މިސާލަކަށް ހަވީރު ގަޑީގައި ކުޑަކުދިން ހިނގާލަން ނުކުތުމަށް ހާއްސަކޮށްފައިވާ ވަގުތުގައި، އެއީ 4:00 އިން 6:00 އަށް، މިގަޑީގައި ވެސް ވަރަށް ގިނަ އަދަދަކަށް ކުޑަކުދިންނާއި ބެލެނިވެރިން ބޭރަށް ނުކުމެ އެއްވެ ހަދާ ތަން ފާހަގަކުރެވޭ. ހަގީގަތުގައި މިއީ ރަނގަޅު އާދަތަކެއް ނޫން. ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައި އޮތް ކަމުގައިވިޔަސް އެކުދިން ބޭރަށް ނެރޭ އިރުވެސް ވަކި ދުވަސްތަކަކަށް ބަހާލައިގެން ވީހާވެސް ދުވަސްތައް މަދުކޮށް، މިގޮތަށް އަމަލުކުރެވިދާނެ،" އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ހުއްދައަކާ ނުލައި މީހުންނަށް ބޭރަށް ނުކުމެވޭ ގޮތަށް ލުއިތައް ދެވިފައިވަނީ ޒަރޫރީ ބޭނުންތަކަށް މީހުން ނުކުމެ އުޅުމަށް ކަމަށާއި ނަމަވެސް ބައެއް ފަހަރު އާއިލާގެ އެހެން މެންބަރުންނަށް ޒިޔާރަތްކުރުމަށް ވެސް މީހުން އެހެން ގޭގެއަށް ގޮސް އުޅޭ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްފައިވާ ވަގުތުގައި އެހެން އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ބޭރަށް ނުކުމެ އުޅޭކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

"އޭގެ އިތުރުން ފާހަގަކުރެވޭ ފަތިސް ގަޑި އަޅުގަނޑުމެން ހާއްސަކޮށްފައި މިއޮތީ އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ ކަސްރަތުކޮށްލައި، ހިނގާލަން ދިއުމަށްޓަކައި. ނަމަވެސް އެ ވަގުތު ވެސް ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބައެއް އެހެން ބޭފުޅުން ވެސް، ޒުވާން އުމުރުގެ މީހުން ވެސް އެވަގުތުގެ ބޭނުންކުރޭ ދުވުމަށާއި ކަސްރަތުކުރުމަށް ނުކުތުމަށް. މިގޮތަށް ވަކި ގަޑިތަކެއް، ވަކި ގްރޫޕުތަކަކަށް ނުވަތަ ވަކި އުމުރުތަކެއްގެ މީހުންނަށް ހާއްސަކޮށްފައި މިއޮތީ މީގެ ބައެއް ގްރޫޕުތަކަކީ ވަލްނަރަބަލް ގްރޫޕްސް، ނުވަތަ ރިސްކް ބޮޑު މީހުން." އޭނާ ވިދާޅުވިއެވެ.