ކުއްލި ޚަބަރު

މާމެންދޫން ޕޮޒިޓިވްވި ފުރަތަމަ މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 13 މީހަކު ފާހަގަކުރެވިފައިވޭ: މަބްރޫކް

ގއ. މާމެންދޫން ޕޮޒިޓިވްވި ފުރަތަމަ މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 13 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ އެ 13 މީހުން މިހާރު ކަރަންޓީނުކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި އެމީހުން ދަތުރުކުރި ފުލައިޓުން ގެމަނަފުއްޓަށް ދިޔަ ފަސް މީހަކު ވެސް ހިމެނޭ ކަމަށެވެ. އަދި މާމެންދޫން ފުރަތަމަ ޕޮޒިޓިވްވި މީހާއާ މާލެއިން ބައްދަލުވި ބަޔަކާއި އެއާޕޯޓުގެ މުވައްޒަފަކު ވެސް ކަރަންޓީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 13 މީހަކު ވަނީ ފާހަގަކުރެވި، ކަރަންޓީނުކުރެވިފައި. އޭގެ ތެރޭގައި މި ހިމެނެނީ އެއްކޮށް ދަތުރުކުރި ދެމީހުން، މިހާރު މި ޕޮޒިޓިވްވި ދެމީހުންނާއި މާމެންދޫން އެކަކު މާލެއިން ފަސް މީހަކު އަދި ގެމަނަފުށިން ފަސް މީހަކު. މާލެއިން ކަރަންޓީނުކުރެވުނު މީހުންގެ ތެރޭގައި މި ހިމެނެނީ މާލެއިން ބައްދަލުވި ބަޔަކާއި އެއާޕޯޓުގައި މަސައްކަތްކުރާ ސްޓާފެއް،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މާމެންދޫން މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީ ފުރަތަމަ ޕޮޒިޓިވްވި މީހާއާއެކު މާމެންދުއަށް ދަތުރުކުރި ދެ މީހުން ކަމަށާއި އެ މީހުންނަކީ އެއް އާއިލާއެއްގެ ތިން މީހުން ކަމަށެވެ.

"މި ތިން މީހުން މާލެއިން ދަތުރުކޮށް ތިބީ އެއް ތަނެއްގައި ކަރަންޓީނުވެގެން. ކަރަންޓީނު ވެގެން ތިއްބައި، އެކަކު ބަލީގެ އަލާމާތްތައް ފެނި ރިޕޯޓުކުރުމުން ޓެސްޓު ކުރިއިރު ޕޮޒިޓިވްވެފައި ވަނީ. ދެން ތިއްބެވި ދެ ބޭފުޅުން ވެސް ބަލީގެ އަލާމާތްތައް ރިޕޯޓުކުރެއްވުމާ ގުޅިގެން ސާމްޕަލްތައް ނެގި، ސާމްޕަލްތަކުގެ ނަތީޖާތައް އައި އިރު ޕޮޒިޓިވްވެފައި މިވަނީ." އޭނާ ވިދާޅުވިއެވެ.