ކުއްލި ޚަބަރު

ކޮވިޑަށް މާމެންދޫ ތިން މީހުން ޕޮޒިޓިވް ވިޔަސް ރަށް ކަރަންޓީނެއް ނުކުރާނެ: މަބްރޫކު

ކޮވިޑް 19އަށް މާމެންދޫ ތިން މީހުން ޕޮޒިޓިވް ވިޔަސް ރަށް ކަރަންޓީނެއް ނުކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

މާމެންދޫން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއީ މާލެއިން އެނބުރި ރަށަށް ދިޔަ މީހެކެވެ. އަދި މިއަދު އެރަށުން އިތުރު ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންނަކީ ޕޮޒިޓިވްވި ފުރަތަމަ މީހާއާއެކު މާލެއިން ރަށަށް ގޮސް، އޭނާއާއެކު ކަރަންޓީނު ވެގެން ތިބި، އޭނާގެ އާއިލާ ދެ މީހެކެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މި ކޭސްތަކާ ގުޅިގެން އެރަށަށް މޮނީޓަރިންގެ ހާލަތަކަށް ނުދާނެ ކަމަށެވެ.

"ދެން އުފެދޭ ސުވާލަކީ މާމެންދޫ މޮނީޓަރިންގެ ހާލަތަށް ދޭތޯ. މިކަމުގައި މިހާތަނަށް ނިންމިފައިވާ ނިންމުމަކީ މޮނީޓަރިންގެ ހާލަތަކަށް ރަށެއް ނުދާނެއޭ. އިމްޕޯޓެޑް ކޭސްއެއް، ކަރަންޓީނު ކުރެވިފަ، ކަރަންޓީނުގައި ތިއްބެވި ބަޔަކު ޕޮޒިޓިވްވެފައިވާތީ ރަށު ތެރޭގައި ބަލި އުޅޭކަމަކަށް ނުފެނޭ މިހާތަނަކަށް،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާމެންދޫން ޕޮޒިޓިވްވި ފުރަތަމަ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 13 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާއާއެކު ދަތުރުކުރި އަދި މިއަދު ޕޮޒިޓިވްވި ދެ މީހުންނާއި ޕޮޒިޓިވްވި މީހާއާއެކު މާލެއިން ކޫއްޑޫއަށް ދަތުރުކުރި ފްލައިޓުގައި ތިބި ގއ. ގެމަނަފުށީ ފަސް މީހެއްގެ އިތުރުން މާލެއިން ފަސް މީހެއް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މާލެއިން ކޮންޓެކްޓްވި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފަކާއި އެމީހުންނާ ބައްދަލުވި އިތުރު ބައެއް ކަމަށެވެ.