މާލެ ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، މިއަދު ޕޮޒިޓިވް ވެފައިވަނީ ޖަލުގައި މަސައްކަތްކުރާ އިމަޖެންސީ ސަޕޯޓް ގުރޫޕްގެ އޮފިސަރެއް ކަމަށެވެ.
އެކަމާ ގުޅިގެން އެ ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން އަންނަ ކަމަށާއި އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއެކު އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ނަމަވެސް އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ. ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން ކަރެކްޝަންސްގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަމުން އަންނަނީ ޖަލުތަކުގައި ލޮކްޑައުންވެގެން ތިބެގެންނެވެ.