ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަލް އަމާން މުހައްމަދު ނަޖީބު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތް ކުރާ ސެކްޝަނެއްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމާން ވިދާޅުވީ އެ މުވައްޒަފު މި ހަފުތާގެ ތެރޭގައިވެސް އޮފީހަށް ނުކުމެފައިވާ ކަމަށާއި އޭނާ ބައްޔަށް ޕޮޒިޓިވްވީ މިމަހުގެ 18 ވަނަ ދުވަހު މަގުމަތިން ނެގުނު ރޭންޑަމް ސާމްޕަލްއަކުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ މުވައްޒަފާ ބައްދަލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މުވައްޒަފު މިވަގުތު ހުރީ އެޗްޕީއޭއިން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމަށް ބަލައި އަންނަންދެން ގޭގައި އެކަހެރިވެގެންނެވެ.
ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.