ކުއްލި ޚަބަރު

ގއ. މާމެންދޫން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ތިނަކަށް

އަލީ ޔާމިން

ގއ. މާމެންދޫން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ތިނަކަށް އަރައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، އެރަށުން މިއަދު ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އެމީހުންނަކީވެސް މާލެއިން ރަށަށް އައިސް ހޯމް ކަރަންޓީނުގައި ތިބި މީހުން ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މާމެންދޫން ޕޮޒިޓިވްވި ތިން މީހުންނަކީވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. އަދި އެމީހުން މާލެއިން ރަށަށް ދިޔައީ ވެސް އެކީގައެވެ. މި މީހުން ރަށަަށް ގޮސްފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުއެވެ.

ޕޮޒިޓިވްވި މީހުންގެ އާއިލާގެ މެންބަރަކު "ވަން"އަށް މައުލޫމާތުދެމުން ބުނީ، މިއަދު ޕޮޒިޓިވްވި ފިރިހެން މީހާގެ އުމުރަކީ 19 އަހަރު ކަމަށެވެ. އަދި އަންހެން މީހާގެ އުމުރަކީ 27 އަހަރު ކަމަށާއި އެމީހުންގެ ސާމްޕަލް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމީހުންގެ ސާމަޕަލް ނަގާފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ކަމަށްވެސް އޭނާ ބުންޏެވެ.

މާމެންދޫން ކޮވިޑަށް މީހަކު ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް 2150 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 1769 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާތަނަށް އަށް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1134 މީހަކަށް ބަލި ޖެހިފައިވެއެވެ.