އިސްލާމިކް މިނިސްޓްރީ

އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ ހަ މިލިއަން ރުފިޔާ ދައްކައިފި

ދާރުލް އީމާން ކުއްޔަށް ހިފުމަށްފަހު އައިލެންޑް އޭވިއޭޝަަނުން ނުދައްކާއޮތް 6 މިލިޔަން ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ދައްކާފައިވާ ކަމަަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ، ދައުލަތުގެ ތަންތަނުން ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަަށް ލިބެން ޖެހޭ ފައިސާ އެކަމެއް ނިމުނު ދުވަހުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ހޯދަން ވާނެ ކަމަށާއި، ދައުލަތަށް ލިބެން ޖެހޭ ފައިސާ، ކަނޑައަޅާފައިވާ ގޮތަށް ނުލިބިއްޖެނަމަ، އަޅާނެ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އަޅާނެ ގޮތް މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

"ދާރުލް އިމާރާތުގެ ހަ ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރު 2016 ގައި މިނިސްޓްރީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ކުލީގެ ގޮތުގައި ޖުމްލަ އަށް މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ތިން ދުވަސް ތެރޭގައި މިނިސްޓްރީގެ މިސްކިތުފަންޑަށް ހަ މިލިޔަން ރުފިޔާ ޖަމާކުރަންވާނެ ކަމަށާއި، ބާކީ ދެ މިލިޔަން އެއްބަސް ވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ."

އެ ފައިސާގެ ތެރެއިން ދެ މިލިޔަން ރުފިޔާ 3 އޭޕްރީލް 2018 ވަނަ ދުވަހު މިނިސްޓްރީއަށް ދައްކާފައިވީނަމަވެސް އެ ފައިސާ ދައްކާފައި ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެ ދިގު މުއްދަތެއް ހޭދަވި ފަހުން ކަމަށާއި، އެ ފަރާތުން ކުލީގެ ގޮތުގައި މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ޖުމްލަ ހަ މިލިޔަން ރުފިޔާ 31 ޑިސެމްބަރު 2018 ގެ ނިޔަލަށް ދައްކާފައި ނުވާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން، މިނިސްޓްރީއަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދެފަރާތުން މަޝްވަރާކޮށް، ސެޕްޓެމްބަރު މަހުން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު އެއް މިލިޔަން ރުފިޔާ މިނިސްޓްރީއަށް ދެއްކުމަށް އެއްބަސްވެފައި ވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ.

މި ގޮތުން ސެޕްޓެމްބަރު މަހާއި، އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހަށް ވާ ޖުމްލަ ތިން މިލިޔަން ރުފިޔާ އެފަރާތުން އެއްބަސްވުމާ އެއްގޮތަށް ދައްކާފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނުން އެ ފައިސާ ދައްކާފައިވާ ކަމަށެވެ.