ދުނިޔެ

ކޮވިޑް 19 އާއި ގުޅިގެން ބަންދުކޮށްފައިވާ މައްކާގެ މިސްކިތްތައް އަލުން ހުޅުވާލަން ސައުދީން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާ ގުޅިގެން ބަންދުކޮށްފައިވާ މައްކާގެ މިސްކިތްތައް ތިން މަހަށްވުރެ ގިނަ ދުވަސްފަހުން އަލުން ހުޅުވާލަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.

ސައުދީގެ އިސްލާމިކް މިނިސްޓްރީން އާންމު ކުރި ގޮތުގައި މައްކާގައި މާދަމާއިން ފެށިގެން 1500 މިސްކިތެއް ހުޅުވުމަށް ވަނީ ނިންމައިފައެވެ. މައްކާގައި އަލުން މިސްކިތްތައް ހުޅުވުމަށް ނިންމާފައިވަނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސޯޝަލް ޑިސްޓެންސިންގެ ފިޔަވަޅުތަކާއެކު ކަމަށް ގަލްފް ނިއުސްގައި ރިޕޯޓު ކޮށްފައިވެއެވެ.

އެގޮތުން ސައުދީގެ އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ގަލްފް ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަލުން މިސްކިތްތައް ހުޅުވާލާއިރު، ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމަށް މިސްކިތްތަކުގެ ކާޕެޓުގައި ފާހަގަ ޖެހުމަށް ވަނީ ނިންމައިފައެވެ.

ސައުދީގެ ސަރުކާރުން ވަނީ މިސްކިތަށް ދިއުމުގައި އަމަލު ކުރަންވީ ކަންކަމުގެ އުސޫލުވެސް އާންމު ކޮށްފައެވެ. އެގޮތުން އަބަދުވެސް މާސްކު އަޅައިގެން އުޅުމަށާއި 6.5 ފޫޓު ދުރުގައި ތިބުމަށް ސައުދީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ވެއެވެ.

މިދިޔަ މަހު ސައުދީ ސަރުކާރުންވަނީ އެގައުމުގެ އެކި ސަރަހައްދު ތަކުގެ 90000 އަށްވުރެ ގިނަ މިސްކިތް ހުޅުވުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އެއީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާ އެކުއެވެ.

މައްކާ އާއި މަދީނާއަށް އުމްރާ ކުރުމަށް ދިޔުންވެސް އެގައުމުން ވަނީ މަނާކޮށްފައެވެ. އަދި ބޮޑެތި އެއްވުންތަކާއި މަސައްކަތުގެ މާހައުލުގައި ގިނަ ބަޔަކު އެއްވެގެން ބާއްވާ ބައްދަލުވުންތައްވެސް ވަނީ މަނާކޮށްފައެވެ.

ސައުދީގައި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް އެގައުމުން ވަނީ ނިންމައިފަ އެވެ.