ދުނިޔެ

ހޮންޑިއުރަސްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މުހައްމަދު އައުޒަމް

ހޮންޑިއުރަސްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހޮންޑިއުރަސްގެ ރައީސް ޖުއާން އޯރްލަންޑޯ ހަރނަޑެޒް ކޮވިޑަށް ކުރި ޓެސްޓު ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން އެގައުމުގެ އޮފިޝަލުން ކަށަވަރުކޮށްދީފަ އެވެ.

ރައީސް ޖުއާން އޯރްލަންޑޯއަށް ބަލިޖެހިފައިވާކަަން ސަރުކާރުން އާންމުކުރިނަމަވެސް އެގައުމުގެ ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެއެވެ. އެތައްބަޔަކު ވަނީ މީސްމީޑިއާގައި މިކަމުގެ ހަގީގަތް ސާފުކޮށް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައިފައެވެ.

މިއީ، ދާދިފަހުން އެމެރިކާއަށް ޑްރަގް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތު ރައީސް ޖުއާން އޯރްލަންޑޯ އާއި އާއިލާގެ ބައެއް މެންބަރުންނަށް ކޮށްފައިވުމާއި ހޮންޑިއުރަސް އިން ކޮވިޑްގެ ކަންކަން ހާމަކުރުމުގައި އޮޅުވާލުންތަކެއް ގެންގުޅޭ ވާހަކަ އޮއްބައިލުމަށް ކޮށްފައިވާ ކަމެއްކަމަށް އެގައުމުގެ ރައްޔިތުން ވަނީ ބުނެފައެވެ.

ހޮންޑިއުރަސްގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު ރައީސް ޖުއާން އޯރްލަންޑޯ އަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. ނަމަވެސް ރައީސް ޖުއާން އޯރްލަންޑޯ އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އާއި މިހާރުގެ ރައީސް ޓްރަމްޕް އާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އެގައުމަށް ގިނަ އެހީތަކެއް ލިބެމުން ދިއުމާއެކު ރައީސްގެ މަގުބޫލުކަން އިތުރުވެފައިވެއެވެ.