ޓްރާންސް ޓޯކްސް

ސާނާގެ ކޮންޓްރެކްޓް އިތުރަށް އާކުރާކަށް އޭނާ ބޭނުމެއް ނުވޭ: ގާޑިއޯލާ

އައިދާ އަބްދުލް ހަކީމް

މެންޗެސްޓާ ސިޓީގެ ވިންގާ ލެރޯއީ ސާނޭ، މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ އިތުރަށް އާކުރަން ބޭނުން ނުވާ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބޭރުގެ މީޑިއާތަކަށް ގާޑިއޯލާ ދިން އިންޓަވިއުއެއްގައި ބުނީ ސިޓީގެ ކޮންޓްރެކްޓް އާކުރަން ސާނޭ ބޭނުން ނުވަނީ މިސީޒަން ނިމުމަށްފަހު އެހެން ޓީމަކަށް ދިއުމުގެ ވިސްނުން ހުރުމުން ކަމަށެވެ. ސާނޭއަށް ސިޓީން ދެތިން ފަހަރަކު ކޮންޓްރެކްޓް އާކުރަން ހުށަހެޅި ނަމަވެސް އޭނާ އެކަން ގަބޫލުކޮށްފައި ނުވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން ކުޅުންތެރިޔަކަށް އޮފާ ކުރާނީ އަހަރެމެން އޭނަ ބޭނުންވާތީ. ސާނޭއަކީ ހާއްސަ ކޮލިޓީއެއް ހުންނަ ކުޅުންތެރިއެއް. އަހަރެމެން ބޭނުންވަނީ ކްލަބުގެ ޓާގެޓަށް ވާސިލުކުރަން ފެންވަރު ރަނގަޅު ކުޅުންތެރިން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ސާނޭއަކީ އޭނާ ވަރަށް ލޯބިވާ، ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއާ ދޭތެރޭ އެއްވެސް ހިތް ބުރަ ކަމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ ބޭނުން އެހެން ކްލަބަކަށް ބަދަލުވާން ކަމަށެވެ. މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން ބަޔާން މިއުނިކުން އަންނަނީ އޭނާ ގެންދިއުމަށް މަޝްވަރާތައް ކުރަމުންނެވެ.

އުމުރުން 24 އަހަރުގެ ސާނޭ ސީނިއާ ފުޓުބޯޅަ ފެށީ ޖަރުމަނުގެ ޝާލްކޭ އިންނެވެ. 2014 ވަނަ އަހަރު އެޓީމާ ގުޅުމަށްފަހު ހޭދަވި ދެ އަހަރު ދުވަހުގެތެރޭ އޭނާ ވަނީ 47 މެޗު ކުޅެ 11 ލަނޑު ޖަހައިދީފައެވެ. 2016 ވަނަ އަހަރު ސިޓީއަށް ބަދަލުވެ މިހާތަނަށް ސާނޭ ވަނީ އެޓީމަށް 89 މެޗުން 25 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޖަރުމަނުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ގައުމީ ކެރިޔަރު ފެށި ސާނޭ ވަނީ 19 އަހަރުން ދަށުގެ ޓީމަށް ފަސް ލަނޑު އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ. ޖަރުމަނުގެ ސީނިއާ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފަށައި މިހާތަނަށް އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީއަށް 2014 ވަނަ އަހަރު ސާނޭ ސޮއި ކުރީ 37 މިލިއަން ޔޫރޯއަށެވެ. ސިޓީގައި ސާނޭ ފެނިގެން ގޮސްފައިވަނީ ވިންގުން ވަރަށް ހަލުވި ކުޅުމެއް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.