ޗެލްސީ

ޗެލްސީން ޑިފެންޑަރެއް ހޯދަނީ، ގޭއީއަކީ ބޮޑު ޓާގެޓެއް

ސެންޓަރަލް ޑިފެންޑަރުންނަށް ކުރިމަތިވެފައިވާ އަނިޔާތަކުގެ ސަބަބުން މިހިނގާ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޑިފެންޑަރެއް ހޯދަން ޗެލްސީން މަސައްކަތް ކުރަން ފަށައިފިއެވެ.

ޗެލްސީން ޑިފެންޑަރަކަށް މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ސެންޓަ ބެކަށް ކުޅޭ، ވެސްލޭ ފޮފާނާއަށް ބޮޑު އަނިޔާއެއް ކުރިމަތިވުމުގެ އިތުރުން ބެނޮއިޓް ބަޑިއަޝީލަށްވެސް އަނިޔާވުމުންނެވެ. މިވަގުތު ޗެލްސީގެ ސީނިއާ ކުޅުންތެރިންގެ ތެރެއިން ސެންޓަ ބެކަށް ފިޓްކޮށް ތިބީ ލިވައި ކޮލްވިލް އާއި ޓޮސިން އަޑަރަބިއޯއެވެ.

އެޓީމުގެ ސްކޮޑުގައި ދެން ހިމެނޭ ޓްރެވާ ޗަލޯބާއާއި އާޖެންޓީނާގެ ޑިފެންޑަރު އާރޮން އަންސެލްމީނޯވެސް ލޯނުގައި ތިބި އިރު، އޭގެ ތެރެއިން ލޯނެއްގައި ބޮކަ ޖޫނިއާސްއަށް ގޮސް ހުރި އަންސެލްމީނޯ އަނބުރާ ކްލަބަށް ގެންނަން ޗެލްސީން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އަންނަ ޗަލޯބާގެ ލޯނުވެސް ކުރުކޮށްލައިފާނެ ކަމަށް ބެލެވިފައިވެއެވެ.

ޑިފެންޑަރުގެ މައްސަލައަށް ހައްލެއް ހޯދަން ދެން ޗެލްސީން އެންމެ ގާތުން ބަލަމުން އަންނަ އެއް ކުޅުންތެރިޔަކީ އިންގްލެންޑް ގައުމީ ޓީމަށް ކުޅޭ، ޕެލެސްގެ ޑިފެންޑަރު މާކް ގޭއީއެވެ. ގައުމީ ޓީމަށް 22 މެޗު ކުޅެދީފައިވާ 24 އަހަރުގެ ގޭއީއަކީ ކުރިން ޗެލްސީއަށް ކުޅުނުވެސް ޑިފެންޑަރެކެވެ.

އެގޮތުން ގޭއީ ވަނީ ޗެލްސީއަށް ދެ މެޗެއް ކުޅެފައެވެ. އެއީ 2019 ވަނަ އަހަރު ލީގު ކަޕްގައެވެ. އޭގެފަހުން ލޯނެއްގައި ސްވަންސީއަށް ކުޅުމަށްފަހު ޕެލެސްއަށް ބަދަލުވޯ 2021 ވަނަ އަހަރުއެވެ. އެއީ 18 މިލިއަން ޕައުންޑްގެ އަގެއްގައެވެ.

ގޭއީ ޕެލެސްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތް އިރު، އޭނާއަކީ ޗެލްސީއާ ފަހުން ހަވާލުވި ވެރިންގެ ޓޮޕް ޓާގެޓެކެވެ.