ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 29 މުވައްޒަފަކު އައިސޮލޭޓް ވާން އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވުމުން ކޮންޓެކްޓު ޓްރޭސިން ހެދިއިރު އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި 29 މުވައްޒަފަކު ފާހަގަވި ކަމަށެވެ. އަދި ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 11 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ކޮންޓެކްޓުންގެ ގޮތުގައި 29 މުވައްޒަފަކު ފާހަގަވިފައިވޭ. އަދި ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 11 މީހަކު ފާހަގަކުރެވިފައިވޭ. އެއީ މިހާތަނަށް އެ ކޭސްގައި ހުރި އަޕްޑޭޓަކީ" މަބްރޫކް ވިދާޅުވިއެވެ.
މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން މަޖިލީހުގެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފު ޕޮޒިޓިވްވުމާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި މަޖިލިސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މުވައްޒަފަކު ޕޮޒިޓިވްވިޔަސް މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލުމަށް ނުވިސްނާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދެން އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.