ދުނިޔެ

ކޮވިޑުގެ ސަބަބުން ދަތުރު ދިގުވެ، އެޑްރެސް ފުހެވުމުން 42000 ޕާރުސަލު ހަވާލުކުރާނެ މީހަކު ނޭނގި ވާނުވާގައި!

މުހައްމަދު އައުޒަމް

2

ލަންކާއަށް އޮންލައިންކޮށް އޯޑަރުކޮށްގެން ގެންދިޔަ 42000 ޕާރުސަލު ހަވާލު ކުރަން ޖެހޭ މީހުން ނޭނގި ވާނުވާގައި ވާކަމަށް އެގައުމުން ބުނެފިއެވެ.

ލަންކާގެ ކެބިނެޓް ސްޕޯކްސްޕާސަން މިނިސްޓަރު ބަންޑުލާ ގުނަވަރްދަނެ ވިދާޅުވީ އެކި ގައުމުތަކުން އޮންލައިންކޮށް ގެންގޮސްފައިވާ ޕާރުސަލްތަކެއް ވާނުވާގައިވަނީ އެޕާރުސަލްތަކުގައި ލިބެންވީ ފަރާތުގެ އެޑްރެސް ފުހެވިފައި ވުމުގެ ސަބަބުން ކަމަށެވެ.

ގުނަވަރްދަނެ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެގެންދިޔަ ހާލަތުގެ ސަބަބުން ވައިގެ މަގުން ޕާރުސަލުތައް ގެނައުމަށް ލަސްތަކެއް ކުރިމަތިވާނެތީ މިޕާރުސަލުތައް ގެންގޮސްފައިވަނީ ކަނޑުމަގުން ކަމަށެވެ. ހާލަތު ދިމާވިގޮތުން ކަނޑުމަގުން ގެންދިއުމުގައި ލޮނުގެ އަސަރުކޮށް ޕާރުސަލުތަކުގައި ހަރުކޮށްފައިވާ ލިބެންވީ ފަރާތުގެ އެޑްރެސްތައް ފުހެވިފައިވުމާ ގުޅިގެންކަމަށް ގުނަވަރްދަނެ ވިދާޅުވިއެވެ.

ދާދި ފަހުން ލަންކާއަށް ގެންގޮސްފައިވާ އޮންލައިން އޯޑަރުތަކުގެ ޕާރުސަލުތައް ގެއްލުމާއި ވަގަށް ނަގާ ކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ދިޔައީ ކުރަމުންނެވެ.

މިނިސްޓަރު ބަންޑުލާ ގުނަވަރްދަނެ ވަނީ މިހާރު ހުރި 42000 ޕާރުސަލަށް ހަދާނެގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ބޭރުގައުމުތަކުގެ ކަމާބެހޭ އިދާރާތަކުގެ އެހީ މިކަމުގައި ހޯދާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟