ގއ. މާމެންދޫން ޕޮޒިޓިވްވި މީހާ ދަތުރުކުރި ފްލައިޓުގައި 40 މީހުން ދަތުރުކުރި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭމެންދޫން ޕޮޒިޓިވްވި މީހާއާގުޅޭ މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އޭނާ މާލެ އައިސްފައިވަނީ ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށެވެ. އޭނާއާއެކު އެ އާއިލާގެ އިތުރު ދެ މީހަކު މާލެ އައި ކަމަށާއި އަދި އެމީހުން މާލޭގައި ތިބީ ގެސްޓް ހައުސްއެއްގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި މީހާ މިމަހުގެ ހަ ވަނަ ދުވަހު ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި ނަމަވެސް އެ ނަތީޖާ ނެގެޓިވްވި ކަމަށެވެ. އަދި އެނބުރި ރަށަށް ދިޔައީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުން ފްލައިޓެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ކޫއްޑޫއަށް ފްލައިޓުގައި ވަޑައިގެން، ކޫއްޑޫން މާމެންދުއަށް ވަޑައިގަތީ. މާމެންދޫއަށް އެދުވަހު ވަޑައިގަތީ ޕޮޒިޓިވްވި ބޭފުޅާގެ އިތުރުން އާއިލާގެ ދެބޭފުޅުން. ކޫއްޑޫއަށް ދަތުރުކުރި ފްލައިޓުގައި 40 ފަރާތެއް ދަތުރުކޮށްފައިވާކަން އެނގޭ. އޭގެ ތެރެއިން ބާކީ ތިއްބެވި ބޭފުޅުންނަކީ ގެމަނަފުށީ ބޭފުޅުންކަން އެނގޭ،" މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕޮޒިޓިވްވި މީހާގެ ފަރާތުން ކޮވިޑުގެ އަލާމާތްތަކެއް ފެނުނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި އެދުވަހު ސާމްޕަލް ނަގައި، 15 ވަނަ ދުވަހުގެ ރޭ އޭނާގެ ސާމްޕަލް މާލެ ގެނެވުނު ކަމަށެވެ.
މިކަމާ ގުޅިގެން ގެމަނަފުއްޓާއި މާމެންދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މަބްރޫކު ވިދާޅުވި ގޮތުގައި، އެ ދެރަށަށް ދިޔަ މީހުންނަކީ ހޯމް ކަރަންޓީނަށް ފޮނުވި ބައެއްކަމުން ދެރަށާމެދު ވެސް އިތުރު ފިޔަވަޅުތަކެއް އަޅާނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ކަމަށެވެ.