އަލީ ޔާމިން
ކަރަންޓީނު ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ސިފައިންގެ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން ބުނީ ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީނުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު ހަވީރު ހުށަހެޅުނު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވަނީ 19 އަހަރުގެ އަންހެނެކެވެ. އަދި އޭނާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ އެމްއެންޑީއެފްގެ އިސް ބޭފުޅެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަނިޔާ ލިބުނު ކުއްޖާގެ ގާތް ރައްޓެއްސަކު "ވަން"އަށް މައުލޫމާތުދެމުން ބުނީ، އެމްއެންޑީއެފްގެ މީހާ އެ އަންހެން ކުއްޖާއަށް މެސެޖުގެ ޒަރީއާއިންވެސް ފުރައްސާރަކޮށްފައިވާ ކަމަށެވެ.
ފިލިތެޔޮ ކަރަންޓީން ފެސިލިޓީގައި އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ އިރު، މި ފަހުން ހުޅުލޭ އައިލެންޑް ހޮޓަލުގައިވެސް ވަނީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ފެންމަތިވެފައެވެ. ފުލުހުން އަންނަނީ އެ މައްސަލަވެސް ތަހުގީގުކުރަމުންނެވެ.