ކުއްލި ޚަބަރު

މިދިޔަ 24 ގަޑިއިރު ތެރޭ 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރު ތެރޭ 17 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 2137 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި އިންޑިއާގެ ތިން މީހެއްގެ އިތުރުން ނޭޕާލްގެ މީހެއް ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހުންނަކީ ކުރިން ފާހަގަކުރެވިފައިވާ ކުލަސްޓާއަކަށް ނިސްބަތްވާ ބައެއްކަން އަދި ފާހަގަކުރެވިފައިނުވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޕޮޒިޓިވްވި ހަތް ދިވެހިންގެ ތެރޭގައި ނުރައްކާވެދާނެ އިތުރު ބަލިތަކެއް ހުރި 54 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނޭ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިމަހުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 30 އިން މައްޗަށް އަރައިފައެއް ނުވެއެވެ. އަދި ގިނަ ދުވަސް ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 އިން ދަށުގައެވެ.

އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 82 މީހަކު ބަލިން ރަނގަޅުވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 1759 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 368 މީހަކަށެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 215 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 301 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.