އދގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް އިންޑިއާއިން ކާމިޔާބު ކޮށްފި އެވެ.
192 ވޯޓުގެ ތެރެއިން 184 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން އިންޑިއާ އދ ގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރުކަން ކަށަވަރު ކުރިއިރު މިއީ ދެއަހަރު ދުވަހުގެ މުއްދަތުގެ މަގާމެކެވެ. ވަގުތީ މެންބަރެއްގެ ގޮތުގައި އިންޑިއާ ސެކިއުރިޓީ ކައުންސިލްގައި ތަމްސީލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ.
މިއީ އދގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުކަން އިންޑިއާއަށް ލިބިގެންދިޔަ އަށް ވަނަ ފަހަރެވެ.
ސެކިއުރިޓީ ކައުންސިލްގެ ވަގުތީ ގޮނޑި ކާމިޔާބު ވުމާއެކު ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ. މޯދީ ކުރެއްވި ޓްވީޓެއްގައި ވަނީ ސެކިއުރިޓީ ކައުންސިލްގެ މަގާމު ލިބުމުން އިންޑިއާ އެހެން މެމްބަރު ގައުމުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އދގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންގެ ގޮތުގައި ތިބެނީ ފަސް މެމްބަރު ގައުމެވެ. އެއީ ޗައިނާ، ފްރާންސް، ރަޝިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން އެެމެރިކާއެވެ. ސެކިއުރިޓީ ކައުންސިލްގެ މިހާރު ހިނގަމުންދާ ދައުރުގެ ރިޔާސަތު ބަލަހައްޓަނީ ފްރާންސުންނެވެ.