ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާ މިންވަރު ބެލުމުގެ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ، ގައުމީ ޔުނިވާސިޓީން އަންނަނީ ކޮވިޑުގެ ކަންކަމުގައި ސަރުކާރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން މިވަގުތު ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ ލޮކްޑައުނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ކަމަށެވެ.
ގައުމީ ޔުނިވާސިޓީން އެ ދިރާސާކުރަނީ އެންއީއޯސީގެ އިތުރުން ކަމާބެހޭ ބައެއް އެހެން އިދާރާތަކާ ގުޅިގެންނެވެ.
އެ ދިރާސާގެ ދަށުން އެކިއެކި ކެޓަގަރީތަކުން މީހުންގެ ސާމްޕަލް ނަގާނެ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. އެގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާން އުމުރުގެ މީހުންގެ ސާމްޕަލް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ރަހީމާ ވިދާޅުވީ، އެ ދިރާސާގެ މަސައްކަތުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކުންނާއި 300 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ރެޕިޑް ރެސްޕޮންސް ޓީމު، ސާމްޕަލް ނެގުން، ކޮންޓެކްޓް ޓްރޭސިންގް، ތަމްރީނުކުރުމުގައި އަދި ކޮވިޑަށް ތައްޔާރުވާން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރުންނާއި 300 ސްޓާފުންނަށްވުރެ ގިނަ މުވައްޒިފުން ދަނީ ބައިވެރިވަމުން." ޑރ. ރަހީމާ ވިދާޅުވިއެވެ.
ޑރ. ރަހީމާ ވިދާޅުވީ، އެ ދިރާސާގެ މަސައްކަތް ފަށައިގެން ކުރިއަށް ދާ ކަމަށާއި ދެ މަސް ދުވަހަށް އެ ދިރާސާގެ މައުލޫމާތު އެއްކުރުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށެވެ.
މި ދިރާސާގެ ދަށުން ކޮންމެ ހަތް ދުވަހަކުން 1800 މީހުން ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ. އެހެންކަމުން މި ދިރާސާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 18،000 މީހުން ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ.
ގައުމީ ޔުނިވާސިޓީން އަންނަނީ އެހެން ދިރާސާތަކެއް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ހަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ހިމެނެއެވެ. އަދި ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއް ކުރުމަށްވެސް އެ ޔުނިވާސިޓީން އަންނަނީ ތައްޔާރުވަމުންނެވެ.