ކުއްލި ޚަބަރު

ބަލި ކުއްޖަކުނަމަ އެއްވެސް ވަރަކަށް ބޭރަށް ނެރުން ރަނގަޅެއް ނޫން: ޑރ. އަފްޒަލް

އަލީ ޔާމިން

ބަލި ކުއްޖަކުނަމަ އެއްވެސް ވަރަކަށް ބޭރަށް ނެރުން ރަނގަޅު ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ލޮކްޑައުނަށް ލުއިތައް ދިން ނަމަވެސް މި ދުވަސްވަރު ކުޑަކުދިން ބޭރަށް ނެރުމުގައި ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް އެކުދިން ނުގެންދިއުމާއި ބަލި ކުއްޖަކު ނަމަ އެއްވެސް ވަރަކަށް ބޭރަށް ނުނެރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"ބަލި ކުއްޖަކު ނަމަ އެއްވެސް ވަރަކަށް ބޭރަށް ނުނިކުތުން ވަރަށް މުހިންމު. ކުޑަކުދިން ގެންގުޅޭއިރުވެސް މީހުން ޖަމާވެފައިވާ ތަންތަނާ ދުރުވުން ވަރަށް މުހިންމު. އަޅުގަނޑުމެންނަށް އާންމުކޮށް ފެނޭ ޕާކުތަކަށް ކުޑަކުދިން ޖަމާވާތަންވެސް އާންމު ހާލަތްތަކުގައި. ނަމަވެސް މިހާރަށް އެންމެ ރަނގަޅު ގޮތަކީ އާއިލާގެ ތެރޭގައި އެކުދިންގެ މުނިފޫހިފިލުވުމުގެ ކަންކަން ހަމަޖެއްސުން،" ޑރ. އަފްޒަލް

އަފްޒަލް ވިދާޅުވީ، ކުޑަކުދިން ބޭރުގައި އުޅޭއިރު ގިނައިން ސެނެޓައިޒާގެ ބޭނުން ކުރުން މުހިންމު ކަމަށާއި މިދުވަސްވަރު އެއްގެއިން އަނެއް ގެއަށް ކުޑަކުދިން ދިއުމަކީވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.

ލޮކްޑައުނަށް ލުއިދިނުމުގެ ދެވަނަ މަރުހަލާގެ ދަށުން ބޮޑެތި ލުއިތަކެއް ދީފައިވާ އިރު، ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ދީފައެވެ.

ކޮވިޑް 19 ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކުގެ ތެރޭގައިވެސް ކުޑަކުދިން ހިމެނެއެވެ. އެގޮތުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު މީހުންނާއި 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަކީ ކޮވިޑު ޖެހުމުގެ ނުރައްކާ ބޮޑު ފަރާތްތަކެވެ.