ކުއްލި ޚަބަރު

45 ދުވަސް ހަމަވެފައިވާ ކޮންޓެއިމަންޓް ސައިޓުތައް އާންމު ހާލަތަށް

އަލީ ޔާމިން

މޮނީޓަރިންއަށް ގެންދެވުނުތާ 45 ދުވަސް ހަމަވެފައިވާ ކޮންޓެއިމަންޓް ސައިޓުތައް އާންމު ހާލަތަށް ގެނެސްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުން މޮނީޓާކުރެވެމުން އަންނަ ގިނަ އަދަދެއްގެ ކޮންޓެއިމަންޓް ސައިޓުތަކެއް މާލޭގައި އެބަހުރި ކަމަށާއި ނަމަވެސް އޭގެ ތެރެއިން 21 ތަނެއް މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެތަންތަން އާންމު ހާލަތަށް ގެނެސްފައިވަނީ އެތަންތަން މޮނީޓަރިންނަށް ގެންދެވުނުތާ 45 ދުވަސް ހަމަވުމުން އެތަންތަން އާންމު ހާލަތަށް ގެންދިއުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ

"މީގެ ތެރެއިން 21 ތަނެއް މިހާރު ދޫކޮށްލެވިފައިވޭ. މި 21 ތަން ދޫކޮށްލެވިފައިވަނީ ޓެގް ޓީމުގެ ފަރާތުން މިހާރު ނިންމާފައިވަނީ 45 ދުވަސްވަންދެން ބަންދުކުރެވިފައި ހުރި ތަންތަން ދެން އިތުރަށް އެގޮތަށް ނުބަހައްޓާ ދޫކޮށްލުމަށް،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެ ސައިޓުތައް މޮނީޓަރިންއިން ދޫކޮށްލި ނަމަވެސް އެތަންތަނުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ރައްކާކުރެވިފައިވާނެ ކަމަށެވެ.

ކޮންޓެއިމަންޓް ބައެއް ސައިޓުތަކުން ސީރޮލޮޖީ ނުވަތަ އެންޓިބޮޑީ ޓެސްޓު ހެދުމަށް ސާމްޕަލްތައްވެސް ނެގިފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތް މިހާރު ކުޑަކޮށް މަޑު ޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. ކޮވިޑު ޖެހުނު 80 އިންސައްތަ މީހުން މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އެ ބަލީގައި ރާއްޖެއިން އަށް މީހަކު މަރުވެފައިވެއެވެ.