ދުނިޔެ

އިންޑިއާގައި ތިބި ޖަރުމަނު ރައްޔިތުން އެގައުމުން ބޭރުވާން އަންގައިފި

މުހައްމަދު އައުޒަމް

އިންޑިއާގައި ތިބި ޖަރުމަނު ރައްޔިތުން އެގައުމުން ބޭރުވާން އަންގައިފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިގޮތަށް އެންގީ، އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވެ ހާލަތު ގޯސްވަމުން ދާތީ އެވެ.

އިންޑިއާގައި ތިބި ޖަރުމަނުގެ ރައްޔިތުންނާއި އެ ރައްޔިތުންގެ އާއިލާތަކުގެ ރައްކާތެރިކަމަށްޓަކައި ވީހާވެސް އަވަހަކަށް ޖަރުމަނަށް އެނބުރި ދިއުމަށް ޖަރުމަނުގެ ފޮރިން މިނިސްޓްރީން ނެރުނު މި ބަޔާނުގައި ވަނީ އެދިފަ އެވެ.

އެބަޔާނުގައި ބުނީ އިންޑިއާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ ސަބަބުން އެގައުމުން ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާގެ ސިއްހީ ފަރުވާ ދޭ ތަންތަނުގެ ހާލަތަށް ބަލާނަމަ ކޮވިޑް ނުވަތަ އެހެން ބައްޔެއް ޖެހިގެން ނަމަވެސް ފަރުވާ ދިނުމަށް އެޑްމިޓް ކުރާނެ ރަނގަޅު ހޮސްޕިޓަލެއް ވެސް ނެތް ކަމަށެވެ. އެހެން ކަމުން އިންޑިއާގައި ސިއްހީގޮތުން ރައްކާތެރިކަމާ އެކު ދިރިއުޅުމަށް މިވަގުތު ރިސްކު ބޮޑު ވެފައިވާ ކަމަށް ،ި ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިންޑިއާ އަކީ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ތެރެއިން ހަތަރުވަނަޔަށް ކޮވިޑްގެ ކޭސްތައް އެންމެ ގިނަ ގައުމެވެ. އެގައުމުން މިހާތަނަށް 354،065 ކޮވިޑް ކޭސް ފެނިފައިވެ އެވެ.