ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުގެ ކާރުކޮޅު އެކްސިޑެންޓް ވެއްޖެ

މުހައްމަދު އައުޒަމް

އިނގިރޭސި ބޮޑުވަޒީރު ދަތުރުފުޅު ކުރެއްވި ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސްޓްމިނިސްޓާގައި ހުންނަވާ ގެކޮޅުން ނުކުމެވަޑައިގެން ޕާލިމެންޓް ސްކޮޔާއަށް ދަތުރުފުޅު ކުރެއްވި މޮޓޯކޭޑު އެކްސިޑެންޓް ވެފައިވަނީ އެ ސަރައްހައްދުގައި ހުރި މީހެއް މޮޓޯކޭޑް ކުރިމައްޗަށް އެރުމުންނެވެ.

ބޮޑުވަޒީރުގެ މޮޓޯކޭޑް ދަތުރުކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ވަނީ ކުއްލިއަކަށް ކުރިމައްޗަށް އަރައިފައެވެ. އެއާއެކު މޮޓޯކޭޑްގެ ކުރީގައި ދުއްވަމުންދިޔަ ވެހިކަލް ކުއްލިއަކަށް ބުރަކި ޖެއްސުމާއެކު އޭގެ ފަހަތުން ދުއްވި ބޮޑުވަޒީރުގެ ކާރުކޮޅުވެސް ވަނީ ބުރެކި ޖައްސައިފައެވެ. އެވަގުތު ފަހަތުން އައި ސެކިއުރިޓީ ވެހިކަލެއް ވަނީ ބޮޑުވަޒީރުގެ ކާރުކޮޅުގެ ފަހަތަށް މުޑިއަރައި އެކްސިޑެންޓުވެފައެވެ.

އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ

އެކްސިޑެންޓު ހިނގުމާއެކު ބޮޑުވަޒީރުގެ ކާރުކޮޅާއި ސެކިއުރިޓީ ކާރު ވަނީ ވަގުތުން އެ ސަރަހައްދުން ގޮސްފައެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު މީސްމީޑީއާގައި ދައުރުވަމުންދާ އިރު، މަންޒަރުތަކުން ފެންނަގޮތުން މޮޓޯކޭޑް ކުރިމައްޗަށް އެރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން ވަނީ ފެނިފައެވެ. ހައްޔަރުކޮށްފައިވަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.