މުހައްމަދު އައުޒަމް
ބްރެޒިލުން 24 ގަޑިއިރު ތެރޭ 34،918 ކޮވިޑް ކޭސް ފެނިއްޖެއެވެ.
ބްރެޒިލުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ ނުވަ ލައްކަ އަށްވުރެ މައްޗަށް އަރައިފައެެވެ. ބްރެޒިލުން މިހާތަނަށް ކޮވިޑް ޖެހި 45،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. މިއީ އޮޅުވާލާފައިވާ އަދަދުތަކެއް ކަމަށް ބުނެ މި އަދަދުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ބްރެޒިލުގައި ކޮވިޑް ޖެހޭ ނިސްބަތް ބޮޑުތަނުން އިތުރުވަމުން ދިއުމާއެކު އެގައުމުގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުކަތާ ވަރުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ބްރެޒިލްގެ ރައީސް ވަނީ ވައިރަސް ހުއްޓުވުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ގެއްލުންވާ ކަމަށް ބުނެ އެފިޔަވަޅުތައް ނައްތާލައިފައެވެ. އެގޮތުން އެގައުމުގެ ވިޔަފާރިތައް މިހާރު ވަނީ ހުޅުވާލައިފައެވެ.
ލެޓިން އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކުގައި މިހާރު ކޭސްތައް އިތުރުވާން ވަނީ ފަށައިފައެވެ. އެގޮތުން ޕެރޫ އިންވެސް މިހާތަނަށް ކޮވިޑް ޖެހި 7000 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.