ދުނިޔެ

ފަތުރުވެރިންނަށް އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވާނީ އަންނަ އަހަރު

މުހައްމަދު އައުޒަމް

ފަތުރުވެރިންނަށް އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވާނީ އަންނަ އަހަރުކަމަށް އެގައުމުން ބުނެފިއެވެ.

ކޮވިޑްުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބޯޑަރު ހުޅުވުމާބެހޭގޮތުން ވާހަކަދައްކަވަމުން އެގައުމުގެ ޓްރޭޑް މިނިސްޓަރު ސައިމޮން ބާމިންހަމް ވިދާޅުވީ އޮސްޓްރޭލިއާގެ ބޯޑަރު މިވަގުތު ހުޅުވާލުމަށް ނިންމާފައިވަނީ ހަމައެކަނި އެގައުމަށް އެތެރެވާ ކިޔަވާ ކުދިންގެ އިތުރުން އެގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ މީހުންނަށް ކަމަށެވެ.

ބާމިންހަމް ވަނީ އެހެން ގައުމުތަކުގައި އުޅޭ އޮސްޓްރޭލިއާގެ ރައްޔިތުންނާއި ކިޔަވާކުދިންގެ އިތުރުން ދިގުމުއްދަތަކަށް ދިރިއުޅޭ ފަރާތްތައް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އޮސްޓރޭލިއާއިން ކިޔަވާ ކުދިން އެތެރެކުރުމަށް ނިންމާފައިވަނީ ދަރިވަރުން މަދުވެ އެގައުމުގެ ޔުނިވާސިޓީތަކަށް ލިބެމުންދާ ގެއްލުން ފޫބެއްދުމުގެ ގޮތުންނެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑްގެ 7300 ކޭސް ފެނިފައިވާއިރު 102 މީހުން ވަނީ އެބަލީގައި މަރުވެފައެވެ.