ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
"ވަން އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގެ އެ މުވައްޒަފަކީ މަޖިލީހުގެ މެއިންޓެނަންސް ބައިގައި މަސައްކަތްކުރާ ދިވެހި މުވައްޒަފެކެވެ. އޭނާ އެންމެ ފަހުން އޮފީހަށް ނުކުމެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ ރެންޑަމް ސާމްޕަލްގެ ތެރެއިންކަން ވެސް ވަން އަށް ވަނީ ކަށަވަރު ވެފަ އެވެ.
އެ މުވައްޒަފު ކޮވިޑަށް ޕޮޒިޓިވް ވީކަން މަޖިލީހަށް އެނގުނީ މިއަދުގެ ޖަލްސާ ކުރިޔަށް ދިޔަ ވަގުތުގަ އެވެ. އަދި މަޖިލީހުގެ އެޗްއާރް ޑިޕާޓްމެންޓުން ވަނީ 30 މިނެޓު ތެރޭ ހުރިހާ މުވައްޒަފުން ވެސް ގެޔަށް ދާން އަންގައިފަ އެވެ. މަޖިލީހުގެ އިދާރާއިން މުވައްޒަފުންނަށް އެ ގޮތަށް އެންގީ އެޗްއާރް ޑިޕާޓްމެންޓުން މުވައްޒަފުންގެ ވައިބަރު ގުރޫޕުގައި ލިޔުނު މެސެޖެއް މެދުވެރިކޮށެވެ.
މީގެ އިތުރުން، ޕޮޒިޓިވް ވީ މުވައްޒަފާ ފޭސްޓު ފޭސް 15 މިނެޓަށްވުރެ ގިނަ އިރު ބައްދަލުވީ މުވައްޒަފުން އެޗްއާރަށް އަންގަން ވެސް ވަނީ އެދިފަ އެވެ.
އެޗްއާރުން މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނެފައިވާ ގޮތުގައި މާދަމާ މުވައްޒަފުން މަސައްކަތް ކުރާމީ ގޭގަ އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި، ޕޮޒިޓިވް ވީ މުވައްޒަފު ވަނީ ދާދި ފަހުން މަޖިލީހުގައި ކުރިޔަށް ގެންދިޔަ ފޮޅައި ސާފުކުރުން އަދި މެއިންޓެނަންސްގެ އެކި ކަންކަމުގައި ހަރަކާތްތެރިވެފަ އެވެ. މަޖިލީހުގެ ބައެއް މުވައްޒަފުންނާ އޭނާއާ ބައްދަލުވެފައި ވާނެ ކަމަށާއި މެންބަރުންނާ ވެސް ބައްދަލުވެފައި ހުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުނެ އެވެ.
"މަޖިލީހުގެ ފޮޅައިސާފުކުރުމުގެ މަސަކަތްކުރަމުން ދިޔަ ބިދޭސީންގެ އެކަމަޑޭޝަން ބްލޮކުން މީހަކު ޕޮޒިޓިވް ވެގެން އެމީހުން މިދުވަސްކޮޅު އެކަން ނުކުރޭ. އެހެންވީމަ މެއިންޓެނަންސް މުވައްޒަފުން އެފަދަ ކަންކަމުގަ ވެސް އުޅޭނެ. އަނެއްކާ އޭނަޔަށް ބަލި ޖެހުނު އިރެއްވެސް ނޭނގެ، ކިތަންމެ ބަޔަކާވެސް ބައްދަލުވެފަ ހުރެދާނެ." ވަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މަޖިލިސް އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވީ ނަމަވެސް، މަޖިލިސް އިދާރާއިން މިކަމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެ އެވެ.