ދުނިޔެ

45 އަހަރަށްފަހު އިންޑިއާ، ޗައިނާ ބޯޑަރުގައި ހަމަނުޖެހުން ހިނގައި ދެގައުމު ތަޅާފޮޅުމަކަށް

މުހައްމަދު އައުޒަމް

45 އަހަރަށްފަހު އިންޑިއާ - ޗައިނާ ބޯޑަރުގައި ހަމަނުޖެހުން ހިނގައި ދެގައުމުން ތަޅާފޮޅުމަކަށް ހިނގައްޖެއެވެ.

ލަޑަކް ސަރަހަދުގައި ޗައިނާ އާއި އިންޑިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުން ހިނގާފައިވަނީ ބޯޑަރު ހުރަސްކޮށް އިންޑިއާ ސިފައިން ދެފަހަރެއްގެ މަތީން ޗައިނާ ފަޅިއަށް އަރަން މަސައްކަތް ކުރުމުން ކަމަށް ޗައިނާއިން ބުނެއެވެ.

ބޯޑަރު ސަރަހައްދުގައި ދެގައުމު ސިފައިން ވަނީ ގާއުކައި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ދީފައެވެ. ނަމަވެސް އެއްވެސް ގައުމަކުން ބަޑި ޖަހާފައެއް ނުވެއެވެ.

އިންޑިއާއިން ވަނީ ހަމަނުޖެހުންތަކުގައި އެގައުމުގެ ސިފައިން މަރުވެފައިވާކަން ބުނެފައެވެ. އިންޑިއާއިން ބުނެފައިވަނީ ޗައިނާއިން ހަމަލާދިނުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއްވެ އެގައުމުގެ 20 ސިފައިން މަރުވެފައިވާ ކަމަށެވެ. އިންޑިއާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ އަނިޔާވި ސިފައިން އެސަރަހައްދު ފިނިކަމުންނާއި އެހެނިހެން ސަބަބުތަކާ ގުޅިގެން ސަލާމަތްނުވެ މަރުވީ ކަމަށެވެ.

ޗައިނާއިން އަދި މިހާތަނަށް އެގައުމުގެ ސިފައިންނަށް އަނިޔާވިކަމެއް ވެސް ހާމަަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާއިން ވަނީ އިސްވެ އެންމެ ފުރަތަމަ ހަމަލާދީފައި ވަނީ އިންޑިއާއިން ކަމަށް ބުނެފައެވެ.

އިންޑިއާ - ޗައިނާ ބޯޑަރުގައި ހިނގި ހަމަނުޖެހުން ފިނި ކުރުމަށް ދެގައުމުން މަޝްވަރާ ކުރުމަށް ތައްޔާރުވަމުން އަންނައިރު އދ އިން ވަނީ ދެގައުމުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައިފައެވެ.