ދުނިޔެ

ކޮވިޑްގެ ދެވަނަ ރާޅުގެ ނުރައްކާ ބޮޑުވެ ބެއިޖިންގެ ސްކޫލްތައްވެސް ބަންދުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑްގެ ދެވަނަ ރާޅުގެ ނުރައްކާ ބޮޑުވެ ބެއިޖިންގެ ސްކޫލްތައްވެސް ބަންދުކޮށްފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިން އިން 50 ދުވަސް ފަހުން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ފެނި ނުރައްކާ ބޮޑުވެ އެސިޓީގެ ބޮޑު ސަރަހައްދެއް ލޮކްޑައުންކޮށް ހުރިހާ ސްކޫލެއް ވަނީ ބަންދު ކޮށްފައެވެ.

ބެއިޖިންގެ އެޑިއުކޭޝަން ކޮމިޝަނުން ވަނީ ވީޗެޓް މެދުވެރިކޮށް އެގައުމުގެ ހުރިހާ ސްކޫލްތަކެއް ބަންދުކުރުމުގެ މެސެޖެއް ފޮނުވައިފައެވެ. އަދި އޮންލައިން ކޮށް ކިޔަވައިދިނުން އަލުން ފެށުމަށްވެސް އެކޮމިޝަނުން ވަނީ އަންގައިފައެވެ.

ބެއިޖިންގައި ކޮވިޑް ފެތުރެން ފެށިފަހުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ދިންތާ ހަފްތާއެއް ނުވަނީސް އަނެއްކާވެސް ބަލި ފެތުރެން ފެށުމާއެކު ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އެޅުމަށް ނިންމައިފައެވެ. އެގޮތުން އެސިޓީގެ ހުރިހާ ވިޔަފާރިތަކަށް ވަނީ އެތަންތަނުން ހިދުމަތް ހޯދާ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމަށް އަންގައިފައެވެ.

ކޮވިޑްގެ ކޭސްތައް ފެންނަން ފެށި އެސިޓީގެ އެންމެ ބޮޑު ސީފުޑް އަދި ތަރުކާރީ މާރުކޭޓު ހިމެނޭ ސަރަހައްދު ބަންދުކޮށް ކައިރި ހިސާބުތަކުގައި އުޅޭ ގިނަ ގެތައް ވެސް ވަނީ ލޮކްޑައުން ކޮށްފައެެވެ.