ދުނިޔެ

ކޮވިޑަށް ބޭހެއް ހޯދައިފި، ހެޔޮއަގުގައި ލިބޭނެ!

އަލީ ޔާމިން

1

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އަށް ފަރުވާ ކުރެވޭނެ ބޭހެއް ހޯދައިފިއެވެ.

"ޑެކްސަމެތަސޯން" ނަމަކަށް ކިޔާ މި ބޭހަކީ ވަރަށް އަގުހެޔޮކޮށް ލިބެން ހުންނަ ބޭހެއް ކަމުގައި ވާއިރު މި ބޭސް ބޭނުންކޮށްގެން ކޮވިޑުގެ ހާލު ދެރަވާ މީހުން ރަނގަޅުވަމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ސިއްހީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ދުނިޔޭގެ ހަބަރުތައް ގެނެސްދޭ "ބީބީސީ"ގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ބޭސް ހޯދައިފައިވަނީ އިނގިރޭސިވިލާތުގެ ސައިންސްވެރިންނެވެ. އެގޮތުން ކޮވިޑް 19 އެގައުމުގައި ފެތުރެން ފެށުމާއެކު ތަފާތު ބޭސްތައް ބޭނުންކުރަމުން އައިސް، މި ބޭހުން ފާހަގަކޮށްލެވޭ ބޮޑު ބަދަލެއް އަންނަކަން ސައިންސްވެރިންނަށް ދެނެގަނެވިފައިވާ ކަމަށް ބީބީސީން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ވިދާޅުވެފައިވާ ގޮތުގައި މި ބޭސް ކުރިން ބޭނުން ކުރެވުނު ނަމަ 4،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީހެވެ.

މި ބޭހާ ބެހޭގޮތުން ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު މާޓިން ލެންޑްރައޭ ވިދާޅުވީ، ވެންޓިލޭޓަރުގައި ތިބޭ ބަލި މީހުންނަށް މި ބޭސް ދިނުމުން މަރުވުމުގެ ފުރުސަތު 40 އިންސައްތައާ ހަމައަށް ކުޑަކޮށްދޭ ކަމަށެވެ. އަދި އޮކްސިޖަން ބޭނުންވާ ބަލި މީހުންނަށް މި ބޭސް ދިނުމުން 25 އިންސައްތަ މީހުން މަރުން ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މާޓިން އިތުރަށް ވިދާޅުވެފައިވަނީ މި ބޭހަކީ 1960ގެ އަހަރުތަކުން ފެށިގެން މާކެޓުން ލިބެން ހުންނަ ބޭހެއް ކަމަށާއި މި ބޭސް އިނގިރޭސިވިލާތުގައި ފަސް ޕައުންޑަށް ލިބުނު ނަމަވެސް، އިންޑިއާ ފަދަ ބައެއް ގައުމުތަކުގައި މި ބޭސް އެންމެ ޑޮލަރަކަށްވެސް ލިބިދާނެ ކަމަށެވެ. އަދި ބަލި މީހުންނަށް އެންމެ މަދުވެގެން ދިހަ ދުވަސް ވަންދެން މި ބޭސް ދޭން ޖެހޭނެ ކަމަށްވެސް މާޓިން ވިދާޅުވެފައިވެއެވެ.

"ޑެކްސަމެތަސޯން" އަކީ އާތުރިޓިސް އާއި އެސްމާ ފަދަ ބަލިތަކަށް ފަރުވާކުރުމަށް ވެސް ބޭނުންކޮށްފައިވާ ބޭހެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟