މުހައްމަދު އައުޒަމް
ސިންގަޕޫރު އާންމު ހާލަތަށް ގެނެސް އަންނަ ހުކުރު ދުވަހު ގިނަ ލުއިތަކެއް ދޭން ނިންމައިފިއެވެ.
ދެމަސް ދުވަސް ވަންދެން ސިންގަޕޫރުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށްފަހު އަންނަ ހުކުރުން ފަށައިގެން އެގައުމުގެ މަގުތަކުގައި އެއްތަނެއްގައި ގިނަވެގެން ފަސް މީހުންނަށް އެއްވެ އުޅުމުގެ ހުއްދަ ދޭން ވަނީ ނިންމައިފައެވެ.
ސިންގަޕޫރުގެ ރެސްޓޯރަންޓުތަކާއި ފިހާރަތައްވެސް ހުޅުވުމުގެ ހުއްދަ އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ދީފައެވެ. މީގެ އިތުރުން ޕާކުތަކާއި ޖިމްތައްވެސް ހުޅުވުމަށް އެގައުމުން ވަނީ ނިންމައިފައެވެ.
ސިންގަޕޫރުން ގިނަ ލުއިތަކެއް ދޭން ނިންމުމާއެކު އެގައުމުގެ އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ލުއި
ދިން ބައެއް ގައުމުތަކުގައި ކޮވިޑްގެ އިތުރު ރާޅެއް އަރައި ހާލަތު ގޯސްވެފައިވާތީ ސިންގަޕޫރުން ފިޔަވަޅުތައް ލުއިކުރުމުގެ ނަތީޖާއާ މެދު އެއް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ސިންގަޕޫރުގައި ކޮވިޑަށް ޕޮޒިޓުވް 40 ހާސް މީހުން ފެނިފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނެވެ.