އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ފޭސް މާސްކުތަކުގައި ސްކޫލުތަކުގެ ބެޖު ޖަހައިގެން ނުވިއްކުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.
ކޮވިޑް-19 ނެތް ރަށްރަށުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގުރޭޑް އެކަކުން 12 އަށް އަދި މާލޭގެ ސްކޫލުތަކުގައި ގުރޭޑް 9 އަކުން ފެށިގެން މަތީގެ ގުރޭޑްތަކަށް ސްކޫލުތަކުގައި ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ. މި ނިންމުން ރަސްމީކޮށް އިއުލާނު ކުރެއްވީ ރޭ އެންއޯއީސީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
ސްކޫލުތައް އަލުން ހުޅުވާލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލަށް ހާޒިރުވާ ހުރިހާ ދަރިވަރުންނާއި ޓީޗަރުން ވެސް މާސްކު އަޅަން އަންގައިފައެވެ.
އެޑިޔުކޭޝަނުގެ މި ނިންމުމާއި ގުޅިގެން ސްކޫލުތަކުގެ ބެޖު ޖަހައިގެން މާސްކު ހަދައި، އެތައް ބަޔަކު ވަނީ އެ މާސްކުތައް އިޝްތިހާރުކޮށް ވިއްކުމުގެ މަސައްކަތް ފަށައިފަ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ ބުދަލެއް ކަމަށާއި ސްކޫލު ޔުނީފޯމުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.
އެގޮތުން މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުން ކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫން ވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލުތަކުގެ ކިޔެވުން ފަށާއިރު ދަރިވަރުން އަޅަން އެންމެ އެދެވިގެންވަނީ ފޮތި މާސްކު ކަމަށެވެ. އެ މާސްކަކީ ފަސޭހައިން ދަރިވަރުންނަށް ނޭވާ ލެވޭނެ މާސްކަކަށް ވާން ޖެހޭނެ ކަމަށާއި މާސްކުގައި ތިން ލޭޔަރު ހުންނަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.