މޯލްޑިވިއަން

މޯލްޑިވިއަންގެ އެންމެ ބޮޑު ފްލައިޓު މާފަރަށް، އިންޓަނޭޝަނަލް ދަތުރުތަކަށް އެއާޕޯޓު ތައްޔާރުކަމުގެ މެސެޖެއް

މާފަރު އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓުގައި އޮންނަ އެންމެ ބޮޑު ފްލައިޓް، އޭ 321 ބޯޓު ޖައްސައި، އިންޓަނޭޝަނަލް ދަތުރުތަކަށް އެ އެއާޕޯޓް ބޭނުން ކުރެވޭނެ ކަމުގެ މެސެޖެއް ދީފިއެވެ.

ކޮވިޑް-19ގެ ހާލަތަށްފަހު ރާއްޖެ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެއާޕޯޓުތަކުގައިވެސް ފަތުރުވެރިން އަންނަ ޖެޓުތައް ނުވަތަ ޗާޓަރު ފްލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވާލާއިރު އިންޓަނޭޝަނަލްކޮށް ހުޅުވަން އެދިފައިވަނީ މާމިގިލި އެއާޕޯޓާއި މާފަރު އެއާޕޯޓެވެ. މާފަރު އެއާޕޯޓް ތަރައްގީކޮށްފައިވަނީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައެވެ. ނަމަވެސް މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި، ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އެތަން ބޭނުންކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ވާހަކަތައް ދެކެވެމުން އަންނަނިކޮށް މޯލްޑިވިއަންގެ އޭ 321 ގެ ބޯޓު މާފަރަށް މިއަދު ޖެއްސީ 200 މީހުންނާއެކުއެވެ. މިއީ މޯލްޑިވިއަން އިން ރަށްރަށުގައި ކަރަންޓީން ވާން، އެއް ދުވަހެއްގެ މަތިން އެންމެ ގިނަ މީހުން ގެންދިޔަ ދަތުރެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމު "ވަން" އަށް ވިދާޅުވީ، މިއަދު އަދި އިތުރު 180 މީހަކު މާފަރަށް ގެންދާނެ ކަމަށެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރުވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.